ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން 20 މިލިއަން ޔޫރޯގެ ލޯނު އެހީއެއް ރާއްޖެއަށް ދޭން ނިންމައިފިއެވެ.

އީއައިބީން ބުނީ ރާއްޖޭއަށް އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން 20 މިލިއަން ޔޫރޯ ދޭން އެއްބަސްވެފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 349 މިލިއަން ރުފިޔާއެވެ. ރާއްޖެއަށް ދޭ އެ ލޯން އެހީ ފޯރުކޮށްދޭނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

އީއައި ބޭންކުން ބުނީ އެ އެހީތެރިކަމަކީ މިދަނޑިވަޅުގައި މީހުންގެ ވަޒީފާތައް ރައްކާތެރިކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖަހަން ކުރަމުންދާ މަސައްކަތްތަކަށް ދޭ އެހީއެއް ކަމަށެވެ. އަދި އެއީ ކޮވިޑް-19 އާ ގުޅިގެން އެ ބޭންކުން ކުރިއަށް ގެންދާ، "ޓީމް ޔޫރަޕް" އެހީ ޕްރޮގްރާމުގެ ދަށުން އޭޝިއާގެ ގައުމަކަށް ދިން ފުރަތަމަ އެހީއެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ އެ އެހީއާއެކު އީޔޫ އާއި ރާއްޖެއާ އޮތް ގާތް ގުޅުން ހާމަވެގެންދާ ކަމަށާއި އަދި އެ އެހީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަން އިތުރު އެހީއަކަށް ވެގެންދާނެ ކަމަށެވެ. ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ނަމަވެސް މި ލޯނުގެ އެހީއާއެކު ކުރިއެރުމެއް ލިބޭނެ ކަމަށާއި، މިއީ ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ނެގުހެއްޓުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރެއްވިއެވެ.