އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތަކުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.
މީރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޖުލައި ފަސްވަނަ ދުވަހު މީރާގެ ކައުންޓަރުތައް ހުޅުވި ނަމަވެސް، ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށާއި އިޖުތިމާއީ ގައިދުރު ކަމާއެކު ހިދުމަތް ދިނުމަށް ބަންދުގެ މުއްދަތުގައި ހަމަވި ޓެކްސް ސުންގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ހަފްތާ ކައުންޓަރުތަކުން ހަމައެކަނި ބަލައިގަންނާނީ މީރާ އަށް ބަލައިގަންނަ ޓެކްސް އަށް ނުވާ ފީ އާއި ފައިސާ އަދި އެހެނިހެން ކުލި ކަމަށް އެ އިދާރާ އިން ބުނެއެވެ. އެފައިސާ ދެއްކުމުގެ ސުންގަޑިއެއް ބަންދާ ދިމާވާނަމަ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ދެ ހަފްތާ އާ ދިމާވާނަމަ، އެ ފައިސާ އާ ގުޅޭ އިދާރާއަކުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ، އާ ސުންގަޑިއަކީ 16 ޖުލައި ކަމަށް މީރާ އިން ބުނެއެވެ.
މީރާ ހުޅުވާ ދެވަނަ ހަފްތާއިން ފެށިގެން ޓެކުހަށް ނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމް ނޫން ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމް ނޫން ފައިސާ ބަލައިގަންނާނެ ކަމަށް މީރާ އިން ބުނެއެވެ. މީގެ އިތުރުން މިދިޔަ އޭޕްރީލް 15 ނުވަތަ އޭގެ ފަހުން ހަމަވި ޓެކްސް ސުންގަޑިތަކުގެ އާ ސުންގަޑިއަކީ 23 ޖުލައި ކަމަށްވެސް އެ އިދާރާ އިން ބުނެއެވެ.
އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމް ކޮށްފައިވާ ޓެކްސް ބަޔާންތަކާ އޮންލައިން ކޮށް ދެއްކުމަށް ލާޒިމް ކޮށްފައިވާ ޓެކްސް ފައިސާގެ ސުންގަޑިތަކުގެ ތެރެއިން ބަންދާ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ތިން ހަފްތާ އާއި ދިމާވާ ސުންގަޑިތަކުގެ އާ ސުންގަޑިއަކީވެސް 23 ޖުލައި ކަމަށާއި މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އާ ސުންގަޑިއަކީ 16 އޮގަސްޓު ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ. 2020 ވަނަ އަހަރަށް އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހެޅުމާއި އިންޓަރިމް ޕޭމަންޓު ދެއްކުމުގެ އާ ސުންގަޑިއަކީ އޮގަސްޓް 31 ކަމަށްވެސް މީރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ބިލުގައި ޓެކުހާއި ދައުލަތަށް ބަލައިގަންނަ އެހެން ފައިސާގެ ސުންގަޑިތަކާ ގުޅޭ މާއްދާއެއް ހިމަނާފައި ވާތިއްޔާއި، ހާލަތަށް އަންނަ ބަދަލާ ގުޅިގެން އެޗްޕީއޭ އިން ނިންމާ ނިންމުމަކާ ގުޅިގެން ޓެކްސް ސުންގަޑިތައް ބަދަލުކުރުމަށް މީރާ އިން ވެސް ބޭނުން ވެދާނެ ކަމަށާއި، މިހާރު އިއުލާނު ކޮށްފައިވާ ސުންގަޑިތައް ބަދަލުވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ކޮށްފައިވާ އިއުލާންގައި ބުނެއެވެ.
މީގެ އިތުރުން މީރާއިން ބުނީ ޓެކްސްއަށް ނުވާ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ އެހެން ފައިސާއެއްގެ ސުންގަޑިއެއް އެ ފައިސާ އަކާ ގުޅޭ އިދާރާއަކުން ބަދަލުކޮށްފިނަމަ އެ އޮފީހަކުން ކަނޑައަޅާ ގޮތަކަށް އެ ސުންގަޑި ބަދަލުވާނެ ކަމަށެވެ.
ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމާއެކު ބަންދު ދުވަސްތަކަށް ދިމާވާ ޓެކްސް ސުންގަޑިތައް މީރާ އިން ވަނީ ފަސްކޮށްދީފައެވެ.