ދިވެހި ސިޓިންގް ރޫމްތަކާވެސް ރައްޓެހި، ޒުވާން ބޮލީވުޑް ބަތޮލް ސުޝާންތް ސިންހް ރާޖްޕުތުގެ ކުއްލި މަރާއެކު، ނަފްސާނީ ބަލީގެ އާ ބަހުސެއް އަނެއްކާވެސް ފަށައިފިއެވެ.

އިންޑިއާގެ ފިލްމް ސިޓީ މުމްބާއީގައި އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގެ ތެރޭގައި ސުޝާންތް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. ސުޝާންތް މަރުވެފައިވަނީ އަމިއްލައަށް ކަމަށް މުމްބާއީގެ ފުލުހުން ތުހުމަތު ކުރި ނަމަވެސް، އޭނާގެ އާއިލާއިން ވަނީ އެކަން ގަބޫލު ކުރުމަށް އިންކާރު ކޮށްފައެވެ.

އިސާހިތަކު ސުޝާންތްގެ މަރާ، ނަފްސާނީ ބައްޔާ، ޑިޕްރެޝަންގެ ވާހަކަތައް ގުޅުވާލިއެވެ. ސުޝާންތްގެ ފޭނުންނާ ބޮލީވުޑްގެ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައިވެސް މިއަދު އެންމެ ގަދައަށް ވާހަކަދައްކާ މައުލޫއަކީ މިއީއެވެ.

ސުޝާންތްގެ ބައެއް ފޭނުން ފާހަގަކުރި ގޮތުގައި އިންޑިއާގައި ޑިޕްރެޝަންއާއި އެނޫންވެސް ނަފްސާނީ ބަލިތަކާ މެދު ގެންގުޅޭ "ބޯދާ" ގަބޫލުކުރުންތައް ބަދަލުކުރުމަކީ މިވަގުތު އެންމެ މުހިންމު ކަމަކަށް ހަދަންވީ ކަންތަކެވެ.

ކަންމިހެން އޮތްއިރު ނަފްސާނީ ބަލީގެ ތަޖުރިބާކާރުންގެ ފިކުރު ކޮންމެވެސް ވަރަކަށް ތަފާތުކަން ފާހަގަކުރަންޖެހެއެވެ. ސެންޓާ ފޮ މެންޓަލް ހެލްތް ލޯ އެންޑް ޕޮލިސީގެ ޑައިރެކްޓަރު ޑރ ސުމިތްރާ ޕަތާރޭ ވިދާޅުވާ ގޮތުގައި، ވިލާތުގެ ގައުމުތަކުގައި އަމިއްލައަށް މަރުވާ މީހުންގެ 80 ޕަސެންޓް މީހުންނަކީ ޑިޕްރެޝަން ހުންނަ މީހުންކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް އިންޑިއާ ކަހަލަ ގައުމެއްގައި މީހަކު އަމިއްލަ މަރުވުމުގެ ފަހަތުގައި ބައިވަރު އެހެން ސަބަބުތައްވެސް ހުންނަކަން އޭނާ ފާހަގަކުރައްވައެވެ. އިންޑިއާގެ ޒުވާން އަންހެން ކުދިންގެ މެދުގައި މިމައްސަލަ ބޮޑުވަމުން އަންނައިރު، އަމިއްލައަށް މަރުވުމުގެ ފަހަތުގައި އޮތް އެންމެ އާންމު އެއް ސަބަބަކަކީ ގެވެށި އަނިޔާކަން ޑރ ޕަތާރޭ ފާހަގަކުރައްވައެވެ. މީގެ އިތުރުން ސްކޫލް އިމްތިހާނާ ކުރިމަތިލާންޖެހޭ ދަރިވަރުންނާ، ރަށްފުށު ހިސާބުތަކުގެ ދަނޑުވެރިންގެ މެދުގައިވެސް އިންޑިއާގައި އަމިއްލައަށް މަރުވުމުގެ މައްސަލަ ބޮޑުކަން ޑރ ޕަތާރޭ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ޓީވީ ސީރީޒްތަކާ ފިލްމުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ސުޝާންތް މަރުވެފައި އޮތް ސަރަހައްދުން ނޯޓެއްވެސް ފެނުނު ކަމަށް އަޑު ފެތުރިފައިވާއިރު، މިމަރާ ގުޅޭ އިތުރު ތަފްސީލުތަކެއް އަދި ނުލިބެއެވެ. ސުޝާންތް ޖަނާޒާ މިއަދުގެ ވަގުތެއްގައި ކުރިއަށްދޏެ ކަމަށް މައުލޫމާތު ލިބެއެވެ.