ރާއްޖެއަކީ ބަޣާވާތް ގިނަ ގައުމެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ރާއްޖެއަކީ ބަޣާވަތް ގިނަ ގައުމެއްކަން އެނގޭނެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ތަނަވަސްވުމާއި ދިރިއުޅުން ކުރިއަރާ ދިއުން ގުޅިފައި ވަނީ ވެރިކަމުގެ ނިޒާމާ ކަމަށާ ރައްޔިތުންގެ އިންތިހާބަކާ ނުލާ ވެރިކަން ބަދަލުވެއްޖެ ނަމަ އެއީ މައްސަލައެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގިލައްވާނެ، ރާއްޖެއަކީ ވަރަށް ބަޣާވާތް ގިނަ ގައުމެއްކަން"
ނަޝީދު

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ހާދިސާގައި މިހާތަނަށް ކުރި ތަހިގީގުން އޭރު ރައީސް ނަޝީދުގެ ނައިބް ރައީސް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ބަޣާވަތް ކުރައްވައިފައި ބޭފުޅެއްކަން ނިންމިފައި ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ އަލުން ބެލި ނަމަވެސް އޭރުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަން ފެންނާނެ ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، އިއްޔެ ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ކަމަށެވެ. ޑރ. ވަހީދު ވިދާޅުވީ ޖޯރޭ އެމަނިކުފާނުގެ ހަށިކޮޅަށް އަތް ނުލި ނަމަވެސް ހަޑިހުރުތު ބަހުން މުއާމަލާތު ކޮށް ހެދިކަމަށެވެ.

އެ ހާދިސާގައި ތުހުމަތު ކުރެވޭ ޖޯރޭގެ ދިފާއުގައި އެމްޑީޕީން ވަނީ ރޭ ނިކުމެފައެވެ. ޖޯރޭ އަކީ އެމްޑީޕީ އުފެދުނު އިރުން ފެށިގެން އެޕާޓީގައި ހަރަކާތްތެރިވާ މީހެކެވެ. އެޕާޓީން މިހާތަނަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައި ވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ. ކޮންމެ ކަންމަތީ އެއްވުމެއްގައިވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ.އެ ހާދިސާއާ ގުޅިގެން ކުރިން ރައީސް ވަހީދަށް އެމްޑީފީން ގޮވަމުން އައި "ބާޣީ ވަހީދު: ގެ ނަމުން އަނެއްކާވެސް ވަނީ އެމްޑީޕީގެ އަޑު ގަދަވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް އިއްޔެ ހެނދުނު 7 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.