މަގުމަތިންނާ އެކި ތަންތަނުން މީހުން އެއްޗެހި ގޮވާ ކަމަށާއި އެއީ މައްސަލައަކަށް ހަދައިގެން ނޫޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ތަހުގީގު ނުކުރުމަށް އެދޭ ކަމަށާއި މީހަކު އެގޮތަށް އެއްޗެއް ވިދާޅުވިއެއްކަމަކު އެއީ މައްސަލައެއް ނޫން ކަމަށެވެ.

"މީހަކު އަދި އެއްޗެއް ބުންޏެއް ކަމަކު އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން، އަޅުގަނޑުމެންނަށް މާލެ މަގުމަތިން، ރާއްޖެތެރޭ އަށްރަށުގެ މަގުތަކުގަ މީހުން ހިނގާ ބިނގާވެ އުލޭއިރު އަބަދު މީހުން، ގޮވާކަށް އެއްޗެއްސެއް މަދެއް ނޫނޭ، އެކަމަކައިގެން ދެން އަޅުގަނޑު ދެފައި އެއްތާކު ނުޖެހިގެން ނޫޅެން"
ނަޝީދު

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އިސްލާހުކުރުމަށް މިމަހުގެ އެއްވަނަ ދުވަހުގެ ދަންވަރު ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކަށް ރިއާޔަތް ކުރައްވައެވެ. މިފަދައިން ވިދާޅުވެފައި ވާއިރު، އިއްޔެ ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް އަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުމެވައިގެން އުޅުއްވަނިކޮށް ކަމަށެވެ. ޑރ. ވަހީދު ވިދާޅުވީ ޖޯރޭ އެމަނިކުފާނުގެ ހަށިކޮޅަށް އަތް ނުލި ނަމަވެސް ހަޑިހުރުތު ބަހުން މުއާމަލާތު ކޮށް ހެދިކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް އިއްޔެ ހެނދުނު 7 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެ ހާދިސާގައި ތުހުމަތު ކުރެވޭ ޖޯރޭގެ ދިފާއުގައި އެމްޑީޕީން ވަނީ ރޭ ނިކުމެފައެވެ. ޖޯރޭ އަކީ އެމްޑީޕީ އުފެދުނު އިރުން ފެށިގެން އެޕާޓީގައި ހަރަކާތްތެރިވާ މީހެކެވެ. އެޕާޓީން މިހާތަނަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައި ވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ. ކޮންމެ ކަންމަތީ އެއްވުމެއްގައިވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ.