ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑުކިއުން އަމާޒުވުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ތެދުވެވަޑައިގެންފިއެވެ.

ވެންޓިލޭރަށްލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ވެރިކަން ބޭނުންފުޅުވާ ބޭފުޅުން އެބަ ތިއްބެވި ކަމަށް ވިދާޅުވެ، ރައީސް މައުމޫނަށް ފާޑުވިދާޅުވީ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ. ވަކި ނަމެއް ވިދާޅުނުވެ، ރައީސް މައުމޫނާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމަށް އިޝާރާތް ކުރައްވައި އެ ދެ ބޭފުޅުންނަށް މެންބަރު ހަލީމް ފާޑުވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ހަލީމް ވިދާޅުވީ، ވެރިކަން ބޭނުންފުޅުވާ ބޭފުޅުންތަކެއް ގެއްލި އެތައް ދުވަހަކު އޮންނެވުމަށް ފަހު އިއްޔެ ރައީސް ވަހީދުގެ ދިފާއުގައި ބަޔާންތައް ވެސް ނެރުއްވި ކަމަށެވެ. އަދި ވެންޓިލޭރަށްލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ވެރިކަން ބޭނުންފުޅުވާ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، އޭގެ ތެރެއިން އެއް ލީޑަރު މިހާރު ވެސް އޮންނަވާނީ ވެންޓިލޭޓަރުގައި ހީވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

މިކަމާ ހިތްހަމަޖެހިވަޑައިނުގެން ޣައްސާންގެ ނުރުހުން އަމާޒުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށެވެ.

ޣައްސާން ވިދާޅުވީ، ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް ކަމަށެވެ. އަދި ކުރިމައްޗަށް ނާދެވޭނެ ކަމަށާއި، ހިދުމަތުގެ ގޮތުން ހިނގި މަގަކުންވެސް ނުހިނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ، އާއިލާއިން ބޭރުން، އާއިލާއަށް ދެވޭ ކޮންމެ ހަމަލައެއް އޭނާ ދިފާއުކުރައްވާނެ ކަމަށެވެ.