ރާއްޖެއިން ކޮވިޑް-19 ފެނުނުތާ 100 ދުވަސްވީއިރު ޓެސްޓު ކުރެވިފައި ވަނީ 34677 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފަސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިފައިވާއިރު، ފުރަތަމަ 15 ކޭސް އަކީ، ރާއްޖޭގެ ރިސޯޓްތަކުންނާއި ސަަފާރީތަކުން ފަތުރުވެރިންގެ ތެރެއިން ފެނުނު ކޭސްތަކެވެ. އެއަށްފަހު ރާއްޖެއިން ބޭރުން އައި ދިވެހިންގެ ތެރެއިން 5 ކޭސް ފެނުމަށްފަހު، މުޖުތަމައު ތެރެއިން މި ބަލި ފެނިގެން ދިޔައީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުނެވެ.

މުޖުތަމައު ތެރެއިން ބަލި ފެނިގެން ދިޔައީ ރާއްޖެއިން ބަލި ފެނުނުތާ 39 ދުވަސް ފަހުންނެވެ. މިހާތަނަށް އައި އިރު، ޖުމްލަ 34677 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު، ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 2035 މީހުންނެވެ. އެއީ އެވްރެޖްކޮށް ބަލާނަމަ ޓެސްޓުކުރި މީހުންގެ 5 ޕަސެންޓް މީހުންނެވެ.

އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ފުރަބަންދުގެ ހާލަތަށް ގެނެސް، ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު ނިއު ނޯމަލްގައި އިގްތިސޯދީ ހަރަކާތްތަކާއި ބޭރުގައި ހިނގާބިނގާވެ އުޅުމަށް މާލެ ސިޓީ ހުޅުވާލީ މިއަދެވެ. މިއަދު މާލެ ސިޓީ ހުޅުވާލިއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި މަދުވެފައެވެ.

އެންއީއޯސީން 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާ އިރު، ވޭތުވެދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 2.1 ޕަސެންޓް މީހުންނެވެ.

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1145 ޕީސީއާރް ޓެސްޓު ކުރެވޭ އިރު، މި ކެޕޭސިޓީ އަންނަ މަސް ފެށުމުގެ ކުރިން އިތުރު ކުރެވޭނެ ކަމަށް އެންއީއޯސިން ބުނެއެވެ. ދުވާލެއްގެ މައްޗަށް 1145 ޓެސްޓު ކުރެވޭ އިރު، އެއީ ފުލުހުންގެ ލެބުން ކުރާ 145 ޓެސްޓާއި އައިޖީއެމްއެޗުން ކުރާ 500 ޓެސްޓު އަދި އޭޑީކޭއިން ކުރާ 500 ޓެސްޓެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ދުވާލަކަށް 24 ޓެސްޓު ހެއްދޭ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

އެންއީއޯސީން ދަނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޕީސީއާރް މެޝިން އިންސްޓޯލްކޮށް ދުވާލަކަށް 100-150 ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

މިހާތަނަށް 2035 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، 1325 ބިދޭސީންނާއި 710 ދިވެހިންނެވެ. ބިދޭސީންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1074 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާރު އެކްޓިކް ކޭސްތަކުގެ ގޮތުގައި 714 ކޭސް ހުރިއިރު، 1311 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި 8 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.