ކޮވިޑާ ގުޅިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި އެޅި ފިޔަވަޅުތައް ދާ ދި ދެންމެ ބާތިލް ކޮށްފިއެވެ. ދާދި ދެންމެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއި ކުރައްވާ ގެޒެތް ކޮށްފައިވާ އެންގުމުގައި ވަނީ ކޮވިޑް-19ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން ބާތިލް ވެއްޖެ ކަމަށެވެ.

އެގޮތަށް އެކަން ކުރެއްވި ސަބަބެއް ގެެޒެޓް ކުރި އެނގުމުގައި ނެތެވެ.

އެ އެންގުމުގައި އިތުރަށް ބުނެފައިި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، މެއި 29، 2020 ގައި އަޅަން އެންގި ފިޔަވަޅުތައް ޖޫން 15، 2020 ތާރީހުން ފެށިގެން ބާތިލު ވީ ކަމަށެވެ.

މެއި 29، 2020 ގައި ނެރުނު އެންގުމުގައި ހުރި މާއްދާތައް

މާލެ ސަރަހައްދު ފިޔަވާ އަތޮޅުތަކުގައި ކޮވިޑާ ގުޅިގެން އެޅި ހާއްސަ ފިޔަވަޅުތައް ބާތިލު ކުރުމުން މިހާރު އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައު ހުރަހެއް ނެތެވެ. އަދި ރަށު ތެރޭގައި އުޅުމުގައި ގައިދުރުކަން ބެހެއްޓުންވެސް އުވުނީއެވެ.

މިރޭ ފަތިހު 5 އިން ފެށިގެން މާލެ ސަރަހައްދުގެ ފުރަބަންދަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެއެވެ. އެގޮތުން ފާހެއް ނެތި ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަކަށް ބޭރުގައި އުޅެވޭނެއެވެ. މީގެ އިތުރުން ކަސްތަރުކުރުމާއި އެކިއެކި ކަންކަމުގައިވެސް ބޭރުގައި އުޅެވޭނެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5 އިން ހެނދުނު 8 އަށް އުޅެވޭނެއެވެ. އަދި ކުޑަކުދިންނަށް ހަވީރު 4 އިން އިރުއޮއްސި 6 އަށް ބޭރުގައި އުޅެވޭނެއެވެ. އަދި ދުވަންދާ އެހެން ފަރާތްތަކަށް އިރު އޮއްސި 6 އިން ފެށިގެން 9 އަކަށް ދުވަން ދެވޭނެއެވެ.

ޖޫން 15 ގެ ފަހުން، ރޭގަނޑު 10 ޖަހަންދެން ފިހާރަތަކުން ވިޔަފާރި ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ކޮވިޑް ގެ އަސަރެއް ނެތް އެއްރަށުން އަނެއް ރަކަށް ދަތުރު ކުރުމުގައިވެސް ހުރަހެއް ނެތެވެ.

ފުރަބަންދަށް ދެވޭ އިތުރު ލުއިތަކުގެ ތެރޭގައި ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުގައި ގައިދުރުކަމާއެކު ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ދެވޭނެއެވެ. ނަމަވެސް މިތަންތަނުގައި ތިބެ ކައި ބޮއެ ހެދުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވަނީ މި މަހުގެ 30 ގެ ފަހުންނެވެ. އަދި ކްލިނިކްތަކާއި ހޮސްޕިޓަލްތައްވެސް އާންމުކޮށް ހުޅުވާލާނެއެވެ.

އިތުރު 22 މީހުން ޕޮޒިޓިވް ވެ 94 މީހުން ވަނީ ރަނގަޅުވެފައެވެ.