ކޮވިޑް19 އަށް ދާދިފަހުން ޕޮޒިޓިވްވި އުމުރުން 83 އަހަރުގެ މީހައަކީ ހާލު ސީރިއަސްވެދާނެ މީހެއް ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވި 83 އަހަރުގެ ދިވެއްސަކީ ހައިޕަޓެންޝަން އާއި ދިގު މުއްދަތަށް ބޭސްކުރަމުން އަންނަ މީހެއް ކަމުން އިތުރަށް ސީރިއަސް ވެދާނެ ކަހަލަ ބަލިތަކެއް ހުރި މީހެއް ކަމަށެވެ.

އިއްޔެ ޕޮޒިިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމީހަކު ހިމެނެއެވެ. އޭގެތެރޭގައި 83 މީހާގެ އިތުރުން އުމުރުން 92 އަހަރުގެ މީހަކުވެސް ހިމެނެއެވެ. އެ ދެމީހުންނަކީ ވެސް ދެ ފިރިހެނުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު އެންމެ އުމުރުން ދޮށީ މީހާގެ އުމުރަކީ 92 އަަހަރެވެ. އުމުރުން 92 އަހަރުގެ ދެމީހުން މިހާރު މިބައްޔަށް ފަރުވާ ކުރަމުން ދާއިރު އެ ދެމީހުންނަކީ ދެ ފިރިހެނުންނެވެ. އެއީ އިއްޔެ ޕޮޒިޓިވްވި ކޭސް 2014 އާއި މިދިޔަ މަހުގެ 28 ގައި ޕޮޒިޓިވް ވި ކޭސް 1547 އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިިވްވެފައި ވާ އުމުރުން 65 އަހަރުން މަތީގެ މިހުންނަށް ބަލާއިރު ހިމެނެނީ އިޓަލީ ވިލާތުގެ 3 މީހުންނާއި 35 ދިވެހިންނެވެ. ޖުމްލަ 35 ދިވެހިންގެ ތެރޭގައި ހިމެނެނީ 14 އަންހެނުންނާއި 21 ފިރިހެނުންނެވެ. އަދި މިހާތަނަށް މި ބަލި ޖެހުނު އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 16 މީހުން ވަނީ ބަލިން ރަނގަނޅު ވެފައެވެ. އަދި މި ބަލީގައި އުމުރުން ދުވަސްވީ 4 މީހުން ވަނީ މަރުވެފައެވެ. މި ހާރު މިބަލިގައި ފަރުވާ ހޯދަމުން ދަނީ އުމުރން 65 އަހަރުން މަތީގެ 15 މީހުންނެވެ.