އިތުރު 22 މީހުން ޕޮޒިޓިވް ވެ 94 މީހުން ރަނގަޅު ވެއްޖެއެވެ.

ރާއްޖޭގެ މިއަދުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ޕޮޒިޓިވް ވި 22 މީހުންގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ނޭޕާލުގެ 2 މީހުނާއި ތައިލޭންޑުގެ މީހެކެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 2035 އަށް އަރާފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދިވެހިންގެ އަދަދު ވަނީ 700 އިން މައްޗަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން މިހާރު ރަނގަޅުވެފައި ވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 8 މީހަކަށެވެ. އަދި މީގެ ތެރޭގައި ހާލު ބޮޑު މީހަކު ނެތް އިރު، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އުމުރުން 80 އިން މައްޗަށް ގޮސްފައިވާ މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އެޕަރޭޝަން ސެންޓަރުން މިރޭ ވަނީ ބުނެފައެވެ.

ވޭތުވެ ދިޔަ ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ އެވްރެޖްކޮށް 2.1 ޕަސެންޓް މީހުންނެވެ. އެއީ ޓެސްޓު ކުރި މީހުންގެ ތެރެއިން 5 ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ.

އެގޮތުން މިދިޔަ ހަފްތާގައި 5405 ޓެސްޓު ކޮށްފައި ވާއިރު، ޕޮޒިޓިވް ވެފައި ވަނީ 112 މީހުންނެވެ. އެއީ:

  • 7 ޖޫން: 875 ސާމްޕަލް، 2 ޕޮޒިޓިވް
  • 8 ޖޫން: 839 ސާމްޕަލް، 13 ޕޮޒިޓިވް
  • 9 ޖޫން: 934 ސާމްޕަލް، 26 ޕޮޒިޓިވް
  • 10 ޖޫން: 772 ސާމްޕަލް، 20 ޕޮޒިޓިވް
  • 11 ޖޫން: 657 ސާމްޕަލް، 14 ޕޮޒިޓިވް
  • 12 ޖޫން: 564 ސާމްޕަލް، 27 ޕޮޒިޓިވް
  • 13 ޖޫން: 764 ސާމްޕަލް، 10 ޕޮޒިޓިވް

ވޭތުވެދިޔަ ހަފްތާގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 454 ސާމްޕަލް އަކީ އެކްޓިވް ސާވައިލަންސްގެ ތެރެއިން ރެންޑަމްކޮށް ނަގާފައިވާ ސާމްޕަލްތައް ކަމަށް އެންއީއޯސީން ބުނެއެވެ. އެންއީއޯސީން ރެންޑަމް ސާމްޕަލް މަގުމަތިންނާއި އެކި އެކި ކޭސްތަކާ ގުޅުން ހުރި ތަންތަނުން ނަގައެވެ. އަދި ފްލޫ ކްލިނިކްތަކުގައިވެސް ސާމްޕަލް ނަގައެވެ.