ވޭތުވެދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ އެވްރެޖްކޮށް 2.1 ޕަސެންޓް މީހުން ކަމަށް އެންއީއޯސީން ބުނެފިއެވެ.

އެންއީއޯސީން 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާ އިރު، ވޭތުވެދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 2.1 ޕަސެންޓް މީހުންނެވެ. އެއީ ޓެސްޓު ކުރި މީހުންގެ ތެރެއިން 5 ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ.

އެގޮތުން މިދިޔަ ހަފްތާގައި 5405 ޓެސްޓު ކޮށްފައި ވާއިރު، ޕޮޒިޓިވް ވެފައި ވަނީ 112 މީހުންނެވެ. އެއީ:

  • 7 ޖޫން: 875 ސާމްޕަލް، 2 ޕޮޒިޓިވް
  • 8 ޖޫން: 839 ސާމްޕަލް، 13 ޕޮޒިޓިވް
  • 9 ޖޫން: 934 ސާމްޕަލް، 26 ޕޮޒިޓިވް
  • 10 ޖޫން: 772 ސާމްޕަލް، 20 ޕޮޒިޓިވް
  • 11 ޖޫން: 657 ސާމްޕަލް، 14 ޕޮޒިޓިވް
  • 12 ޖޫން: 564 ސާމްޕަލް، 27 ޕޮޒިޓިވް
  • 13 ޖޫން: 764 ސާމްޕަލް، 10 ޕޮޒިޓިވް

ވޭތުވެދިޔަ ހަފްތާގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 454 ސާމްޕަލް އަކީ އެކްޓިވް ސާވައިލަންސްގެ ތެރެއިން ރެންޑަމްކޮށް ނަގާފައިވާ ސާމްޕަލްތައް ކަމަށް އެންއީއޯސީން ބުނެއެވެ. އެންއީއޯސީން ރެންޑަމް ސާމްޕަލް މަގުމަތިންނާއި އެކި އެކި ކޭސްތަކާ ގުޅުން ހުރި ތަންތަނުން ނަގައެވެ. އަދި ފްލޫ ކްލިނިކްތަކުގައިވެސް ސާމްޕަލް ނަގައެވެ.

އެންއީއޯސީން ބުނީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 30 ފްލޫ ކްލިނިކެއް އެބަހުރި ކަމަށެވެ.

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1145 ޕީސީއާރް ޓެސްޓު ކުރެވޭ އިރު، މި ކެޕޭސިޓީ އަންނަ މަސް ފެށުމުގެ ކުރިން އިތުރު ކުރެވޭނެ ކަމަށް އެންއީއޯސިން ބުނެއެވެ. ދުވާލެއްގެ މައްޗަށް 1145 ޓެސްޓު ކުރެވޭ އިރު، އެއީ ފުލުހުންގެ ލެބުން ކުރާ 145 ޓެސްޓާއި އައިޖީއެމްއެޗުން ކުރާ 500 ޓެސްޓު އަދި އޭޑީކޭއިން ކުރާ 500 ޓެސްޓެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ދުވާލަކަށް 24 ޓެސްޓު ހެއްދޭ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

އެންއީއޯސީން ދަނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޕީސީއާރް މެޝިން އިންސްޓޯލްކޮށް ދުވާލަކަށް 100-150 ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަށްވަމުން ދާއިރު ރާއްޖޭގެ ކޮވިޑް ކާވް މިހާރު ހުރީ ތިރިއަށް ހިފާފައެވެ. އެންއީއޯސީން ބުނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު، ޑރ. ހަސަން ހަމީދު ހެއްދެވި އަމިއްލަ ރިސާޗަކުން ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ދަށްވެ، ކާވް ދަށަށް ދާ ކަން ފާހަގަ ވެފައި ވާ ކަމަށެވެ.