ލޮކްޑައުންގައި ނޭނގި ބޭރަށް ނިކުތް މީހުންގެ ޖޫރިމަނާ ބާތިލުކޮށްފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް މިހެން ވިދާޅުވީ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ހައިތަމް ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެޒެޓުގައި ޝާއިއުކޮށްފައިވާ ލޮކްޑައުން އަމުރުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 3:30ގައި އެ އަމުރުގެ މުއްދަތު ހަމަވެއެވެ. އަދި އިތުރު ލޮކްޑައުން އަމުރެއް އެރޭ 8:00 ގައި ނެރެފައިވާއިރު، އެ ދޭތެރެގައި ދިޔަ ވަގުތުކޮޅުގައި ލޮކްޑައުންގެ މުއްދަތު ހަމަވީކަމަށް ހީކޮށް ބައެއް ރައްޔިތުން ވަނީ ބޭރަށް ގޮސްފައެވެ.

މިކަމުގައި އެންމެ ރަނގަޅު މައުލޫމާތު ނޭނގި، ބޭރުގައި އުޅުނު އެތައް ފަރާތެއް ޖޫރިމަނާކޮށްފައި ވާތީ މެންބަރު ހައިތަމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އިގްތިސޯދީ އަނދަވަޅޭއްގައި ރާއްޖެވާ މިހާލަތުގައި މިފަދައިން ޖޫރިމަނާ ކުރި ފަރާތްތަކުންޖޫރިމަނާ ދައްކަން ޖެހޭނެތޯ ހައިތަމް ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި ފައިރޫޝް ވިދާޅުވީ، އެވަގުތު ތެރޭގައި ނޭނގި ބޭރުގައި އުޅުނު ހުރިހާ ފަރާތެއްގެ ޖޫރިމަނާ މިހާރު ވާނީ ބާތިލުކޮށްފައި ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، މިހާތަނަށް 9211 މީހަކު ޖޫރިމަނާކޮށް، 602 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ކޮންމެ ޖޫރިމަނާއަކީ 1000 ރުފިޔާ ކަމަށް ވާއިރު، 9211 މީހުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9.2 މިލިއަން ރުފިޔާއަށް ވުރެ ގިނަވާނެއެވެ.

9211 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާ ކުރި 8232 މީހުންނާއި ހުޅުމާލެއިން ކުރި 833 މީހުންގެ އިތުރުން ވިލިމާލެއިން ޖޫރިމަނާ ކުރި 146 މީހެކެވެ. ލޮކްޑައުން އަމުރާ ހިލާފުވެގެން މިހާތަނަށް އައި އިރު ވަނީ 602 މީހަކު ހައްޔަރުވެސް ކޮށްފައެވެ. އެއީ މާލެއިން 552 މީހަކާއި ހުޅުމާލެއިން 47 މީހެއްގެ އިތުރުން ވިލިމާލެއިން 3 މީހެކެވެ.

ލޮކްޑައުންއާ ގުޅިގެން މިހާ ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާ ކޮށްފައި ވުމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ހުރިހާ ޖޫރިމަނާއެއް މާފުކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ލޮކްޑައުންގައި ރައްޔިތުން ބޭރަށް ނުކުރީ ހައިހޫނު ކަމުން މިންޖުވާން ކަމަށާއި، އެހެން ކަމުން މާފު ވާން ޖެހޭނީ ލޮކްޑައުން އިތުރު ކުރި ވަގުތު ހަމަވި ފަހުން ކުރި ޖޫރިމަނާ އެކަނި ނޫން ކަމަށާއި ލޮކްޑައުންއާ ގުޅިގެން ކުރި ހުރިހާ ޖޫރިމަނާއެއްވެސް މާފުވާން ޖެހެނޭ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ ދެ މަސްފަހުން ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މާދަމައިން ފެށިގެން ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00ގެ ނިޔަލަށް ފުލުހުންގެ ހުއްދަ ނުހޯދާ ވެސް ބޭރުގައި އުޅެވޭނެއެވެ. އެހެން ކަމުން ދެން ހުއްދަ ނުހޯދާ ބޭރުގައި އުޅެގެން ޖޫރިމަނާ ކުރެވޭނީ ރޭގަނޑު 10:00ގެ ފަހުންނެވެ.