ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަކީ ވައިރަހަކުން ޖައްސާ ބައްޔެއް ނޫން ކަމަށާ، މި ކަމުގެ ފަހަތުގައި އޮތީ ބެކްޓީރިއާއެއް ކަމަށް ބުނާ ވިޑީއޯއެއް ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ. އެ ވީޑިއޯގައި ބުނާ ގޮތުން ނަމަ، އެ ވާހަކަތަކަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ބޮޑު ހިތްދަތި ކަމެއް ތަހައްމަލު ކުރި އެއް ގައުމު ކަމަށްވާ އިޓަލީވިލާތުން ކުރި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ހޯދުނު މުހިންމު ވާހަކަތަކެކެވެ. އެ ވީޑިއޯގައި ބުނާ ގޮތުގައި ބެކްޓީރިއަކުން ޖައްސާ ކޮވިޑް-19ގެ ފަރުވާއަކީ އެސްޕްރިންއެވެ.

މި ވާހަކަތަކަކީ އަޑު އަހާ މީހާއަށް ގަބޫލުކުރެވެނިވި ވާހަކަތަކެއް ކަމުގައި ހެދުމަށް، އިޓަލީވިލާތުގެ ދިރާސާ ކުރިއަށް ގެންދިޔައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޕްރޮޓޮކޯލްތައް މުގުރާލުމަށް ފަހުގައި ކަމަށްވެސް ބުނެއެވެ. އެގޮތުން މި ސިއްރު ދެނެގަތީ ކޮވިޑް-19ގައި މަރުވާ މީހުންގެ އޮޓޮޕްސީ ނުހެދުމަށް ޑަބްލިއުއެޗްއޯއިން ދީފައިވާ އިރުޝާދާ ހިލާފަށް އެކަން ކޮށްގެން ކަމަށްވެސް ވީޑިއޯގައި ބުނެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އިޓަލީވިލާތުން މަރުވި މީހުންގެ ގަބުރުތައް އަސްކަރީ އުޅަނދަކަށް އަރުވަނީ/ފޮޓޯ: ދަ ސަން

ޑަބްލިއުއެޗްއޯގެ ވާހަކަ

ކަންމިހެން އޮތް ނަމަވެސް މިއީ އަދި ހަގީގަތެއް ނޫނެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި ކޮވިޑް-19 ޖައްސަނީ 'ކޮރޯނާވައިރިދޭ' ނުވަތަ ކޮރޯނާވައިރަހުންނެވެ. އަދި މި ވައިރަހާ ދެކޮޅަށް އެންޓިބައޮޓިކްސް މަސައްކަތް ނުކުރާނެ ކަމުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯއިން ދިނެވެ. ކޮވިޑް-19އަކީ ބެކްޓީރިއާއަކުން ޖައްސާ ބައްޔެއް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް-19އަށް އިންފެކްޓްވާ ބައެއް މީހުންގެ ހަށިގަނޑުގައި މި ބަލީގެ ސަބަބުން ބެކްޓީރިއަލް އިންފެކްޝަނެއް އުފެދިދާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި، ސިއްހީ ހިދުމަތްދޭ ފަރާތުން އެންޓިބައޮޓިކްއެއްވެސް ދީފާނެ ކަމަށެވެ.

އަދާ ހިސާބަށް އާދެވުނުއިރުވެސް ކޮވިޑް-19އަށް ހާއްސަކޮށްގެން ލައިސަންސް ދޫކޮށްފައިވާ އެއްވެސް ބޭހެއް ނެތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ލޮކްޑައުން ކޮށްފައިވާ އިޓަލީވިލާތުގައި ކޮވިޑް-19 ޕޭޝަންޓެއް އުފުލަނީ/ފޮޓޯ: ރޮއިޓާޒް

އިޓަލީވިލާތުގެ ހޯދުންތަކެއް ކަމަށް ބުނާ ވާހަކަތަކަކާ ހަވާލާދީ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ކުރާ އަނެއް ދައުވާއަކީ ކޮވިޑް-19ގައި ހާލު ގޯސްވެގެންދަނީ ހަށިގަނޑުގެ ތެރޭގައި ލޭ ކޮޅުތަކެއް ގަނޑުވުމުގެ (ބްލަޑް ކްލޮޓް) ސަބަބުން ކަމަށެވެ. ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ޖެހިގެން ނެދަލަންޑްސްގެ އައިސީޔޫގައި ފަރުވާ ދިން ހާލު ސީރިއަސް މީހުންގެ ކޭސް ރިޕޯޓްތަކަށް ބަލައިގެން ޕަލްމޮނޮލޮޖިސްޓް ޑރ މައިކް ހޭންސެން ތައްޔާރު ކުރައްވާފައިވާ ވީޑިއޯގައި ބުނާ ގޮތުގައި، ކޮވިޑް-19ގެ ޕޭޝަންޓުން ފަރުވާ ހޯދަން އަންނައިރު އެމީހުންގެ ހަށިގަނޑުގައި ލޭ ކޮޅުތަކެއް ގަނޑުވެފައި ހުރޭތޯ ގިނަ ފަހަރަށް ޑޮކްޓަރުން ނުބަލާ ކަމަށެވެ. އޮޓޮޕްސީތަކަށް ބަލާއިރު ކޮވިޑް-19ގައި މަރުވާ ޕޭޝަންޓުންގެ ފުއްޕާމޭގައި ލޭކޮޅުތަކެއް ގަނޑުވެފައި ހުރުމާ އިންފްލަމޭޝަންގެ އަސަރު ފާހަގަވާކަމަށް ބުނެވެއެވެ. އައިސީޔޫގައި ކޮވިޑް-19އަށް ފަރުވާ ދިން ޕޭޝަންޓުންގެ ތެރެއިން 31 ޕަސެންޓް މީހުންގެ ހަށިގަނޑުން ބްލަޑް ކްލޮޓްސް ފާހަގަކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ.

ލޭ ގަނޑުވެ ހާލު ސީރިއަސްވުން

ރިޕޯޓްތައް ބުނާ ގޮތުގައި ތްރޮމްބޯސިސް ނުވަތަ ލޭކޮޅުތަކެއް ގަނޑުވެގެން ކޮވިޑް-19ގައި މަރުވުމަށް އޮންނަނީ 20 ޕަސެންޓްއަށްވުރެ ދަށް ފުރުސަތެކެވެ. 'ކްލިނިކަލް މެނޭޖްމަންޓް އޮފް ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ވެން ކޮވިޑް-19 ޑިޒީޒް އިޒް ސަސްޕެކްޓަޑް' ގެ ނަމުގައި ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ ކަރުދާސް ބުނާ ގޮތުގައި، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ހޮސްޕިޓަލުގައި ފަރުވާދޭއިރު، ލޭ ދިޔާ ކުރާ މާއްދާތައް ދެއެވެ. މިކަން ކުރަނީ ލޭނާރުތަކުގެ ތެރޭގައި ލޭ ކޮޅުތައް ގަނޑުވެ، ބްލޮކްވެގެން ދެން ކުރަމަތިވެދާނެ ނުރައްކާތައް ކުޑަ ކުރުމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ގައުމު ލޮކްޑައުން ހާލަތަށް ގެނެސްފައިވާ އިޓަލީވިލާތުގައި ދޮށީ އުމުރުގެ ފިރިހެނަކު ބެލްކަނީގައި ހުއްޓިލައިގެން/ފޮޓޯ: ދަ ނޭޝަނަލް

ތޯތޯ ވާހަކަ

އިޓަލީވިލާތުން ކުރި ދިރާސާތަކާ ހަވާލާދީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ ވީޑިއޯގައި ބުނާ އިތުރު ވާހަކައެއްވެސް އެބައޮތެވެ. އެއީ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ބޭނުން ނުވާކަމަށް ބުނާ ވާހަކައެވެ. މި ވީޑިއޯގައި ތުހުމަތުގެ އިނގިލި އަމާޒު ކުރަނީ ޑަބްލިއުއެޗްއޯއަށެވެ. އެގޮތުން ކޮވިޑް-19ގެ ފަރުވާއާއި ގުޅުންހުރި ކަންކަމުގައި ޑަބްލިއުއެޗްއޯއިން އޮޅުވާލާފައިވާކަމަށް މި ވީޑިއޯގައި ތުހުމަތު ކުރެއެވެ. މި ވީޑިއޯގެ ނަޒަރިއްޔާ ނުވަތަ ތިއަރީ ބިނާކޮށްފައި އޮންނަނީ ދުނިޔޭގެ އާބާދީ ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯއިން ސްޓަންޓެއް ޖައްސަނީ ކަން ދޭހަވާފަދަ މޭރުމަކުންނެވެ.

ކޮވިޑް-19އަށް ސްކްރީން ކުރުމަށް އިޓަލީވިލާތުގައި ގާއިމުކޮށްފައިވާ ވަގުތީ ސެންޓަރެއް ކައިރީގައި ސިއްހީ އެހީތެރިއަކު ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ނަމަވެސް، ފާހަގަކުރަން ޖެހޭ ކަމަކީ މިއީ އެއްވެސް އަސާސެއް އަދި ބުރަދަނެއްވެސް ނެތް ތޯތޯ ވާހަކަތަކެއް ކަމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެއަށްވުރެވެސް ހަލުވި މިނެއްގައި ފެތުރެމުންދަނީ ދޮގު ޚަބަރުގެ ބަލިމަޑުކަމެއް ކަން ދަނެ، އެކަމަށް ހުރިހާ އެންމެންވެސް ސަމާލުވެ، ހުށިޔާރުވާންޖެހެއެވެ. މިއީ ވެކްސިންއަކުން ދިފާއުވެވޭނެ "ރޯގާ"އެއް ނޫނެވެ. ދޮގު ޚަބަރުގެ އަވާގައި ނުޖެހި ސަލާމަތްވެވެން އޮތީ ނަފްސު ތަރައްގީ ކޮށްގެންކަން ގަބޫލުކުރަންޖެހެއެވެ.

އެނގޭހާވެސް އެއްޗަކީ ކޮވިޑް-19އަކީ ވައިރަހަކުން ޖައްސާ ބައްޔެއް ކަމެވެ. އަދި މިއީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެއް ކަމެވެ.