މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާއިން ތަންފީޒު ކުރަމުންދާ ކާފިއުގެ ހަރުކަށި އަމުރުތަކަށް އަނެއްކާވެސް ލުއި ދީފިއެވެ.

ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފަށައިގެން އެ ގައުމުގައި ކާފިއުގެ އަމުރު ތަންފީޒު ކުރަމުންދާނީ 4 ގަޑިއިރަށް ކަމަށާ، އެއީ ރޭގަނޑު 00:00 އިން ފެށިގެން ފަތިހު 04:00 ޖެހުމާ ހަމައަށް ކަމަށެވެ. މި ފަހަކަށް އައިސް ސްރީލަންކާގައި ކާފިއު އިއުލާން ކޮށްފައި އޮތީ ރޭގަނޑު 11:00 އިން ފަތިހު 04:00 ޖެހުމާ ހަމައަށެވެ.

ލޯކަލް ޓްރާންސްމިޝަންގެ ގިންތިއަށް ފެތޭ ކޭހެއް ސްރީލަންކާ ތެރެއިން ފުރަތަމަ ފަހަރަށް ފެނުނު ހިސާބުން، މާޗް 20 ވަނަ ދުވަހުން ފެށިގެން ސްރީލަންކާ ވަނީ ފުރިހަމަ ލޮކްޑައުންއަކަށް ގެންގޮސްފައެވެ. މުޅި ގައުމުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ބަލިމަޑުކަން ކޮންޓްރޯލް ވާން ފެށުމާއެކު މަރުހަލާތަކަކަށް ބަހާލައިގެން ލުއި ދިނުމުގެ މަސައްކަތް އެ ގައުމުން ދަނީ ކުރަމުންނެވެ.

އެގޮތުން، ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުވައިގެން ހިދުމަތް ދެމުންދާއިރު މި މަހުން ފަށައިގެން އާންމު ދަތުރުފަތުރުގެ ހިދުމަތްތައްވެސް ވަނީ ދޭން ފަށާފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސްރީލަންކާއިން ލޮކްޑައުންއާއި ކާފިއުއަށް ލުއި ދޭން ފަށާފައިވަނީ އެގައުމުގައި ކޮންމެހެން ބާއްވަންޖެހޭ އާންމު އިންތިހާބުގެ ވޯޓަށް ފުރުސަތު ފަހި ކުރުމަށެވެ. ސްރީލަންކާއިން މިހާރުވެސް 2 ފަހަރެއްގެ މަތިން މި އިންތިހާބު ފަސްކޮށްފިއެވެ. މިހާރު ތަވާލު ކޮށްފައި ވާ ގޮތުން، އިންތިހާބުގެ ވޯޓުލުން އޮންނާނީ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ.

ސްރީލަންކާގައި އޮތް ގާނޫނު ހަދާ މަޖިލިސް، މާޗް 2 ވަނަ ދުވަހު އުވާލެއްވީ އެ ގައުމުގެ ކުރީ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައެވެ. މަޖިލިސް އުވާލެއްވުމަށްފަހު އަވަސް އިންތިހާބެއް އޭޕްރިލް 25 ވަނަ ދުވަހަށް ތާވަލު ކުރެއްވިއެވެ. ނަމަވެސް އެ ފަހަރުގެ އިންތިހާބު 2 މަސްދުވަސް ފަސްކޮށް، ޖޫން 20 ވަނަ ދުވަހަށް ރީޝެޑިއުލް ކުރިއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލި މަޑުކަމާއެކު އަނެއްކާވެސް އޯގަސްޓަށް އިންތިހާބު ފަސް ކުރީއެވެ.

ސްރީލަންކާ ސަރުކާރުންވަނީ އޯގަސްޓް 1 ވަނަ ދުވަހުން ފަށައިގެން އެ ގައުމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތައް ހުޅުވާލުމަށްވެސް ނިންމާފައެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ރަސްމީ އިދާރާތަކުން ޚަބަރު ދޭ ގޮތުގައި، އޭޕްރިލް 30 ވަނަ ދުވަހުން ފަށައިގެން އެ ގައުމުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އެ ތާރީހަށް ފަހު ސްރީލަންކާއިން ކޮވިޑް-19އަށް މުޅިންވެސް ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނާ، ކަނޑުގެ އަސްކަރިއްޔާގެ މެމްބަރުންނާ، އެ ފަރާތްތަކާ އެކީ އެއްތާވި މީހުން ކަމަށް ބުނެވެއެވެ.

އެންމެ ފަހުގެ ރެކޯޑް ތަކަށް ބަލާއިރު ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1884 އަށް އަރާފައެވެ. މި ބަލީގައި ލަންކާއިން މަރުވެފައިވަނީ 11 މީހުންނެވެ.