ޕޮޒިޓިވްވާ ބައެއް މީހުން ފަސް ފިހާރަ ނުވަތަ ހަތް ފިހާރަށް ގޮސްފައި ހުންނަ ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެ ދިޔަ ދެ ހަފްތާ ތެރޭ ފާހަގަ ވެފައިވާ ގޮތުން ކުޑަ ލުޔެއްދިނުމުން ވެސް ބައެއް މީހުންނަށް އެއީ ބަލީގެ ނުރައްކާ އެއްކޮށް ގޮސްފައިވާ ކަމަށް ހީކޮށް ދޫކޮށްލާ ކަމަށެވެ.
އެގޮތުން ބައެއް މީހުން މަގުމަތީ ވާހަކަ ދައްކަން ތިބުމާއި ފިހާރައަށް ދާއިރު ފަސް ފިހާރަ ނުވަތަ ހަތް ފިހާރައަށް ދެ ދުވަސް މަތިން ގޮސްފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެފަދަ މީހަކު ޕޮޒިޓިވް ވުމުން އެ ހުރިހާ ފިހާރައެއް ބަންދުކުރަން ޖެހޭ ކަމަށާއި ބަންދު ކުރުމަށް ފަހު ޑިސްއިންފެކްޓް ކުރަންވެސް ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންނާ ކޮންޓެކްޓް ވާ މީހުންގެ އަދަދު ގިނަކަންވެސް ޑރ ފާހަގަ ކުރައްވާފައި ވެއެވެ.
މިފަދަ ސަބަބުތަކާ ހުރެ، ކުރިއަށް އޮތް ތަނުގައި އިތުރު ލުއިތަކެއް ދިން ނަމަވެސް ސިއްހީ މާހިރުންގެ އިރުޝާދަށް ބޯލަނބާ އަމަލު ކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ. މާސް އެޅުމާއި ކޮންމެހެން ދާން ޖެހޭ ތަނަކަށް ނޫނީ ނުދިއުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުން އަށް ލުއި ދިނުމުގެ ގޮތުން ވަނީ ފަތިހު 5 އިން ރޭގަނޑު 10 އަށް ފާސް ނުލާ ބޭރުގައި އުޅުމަށް ހުއްދަ ދޭން ނިންމާފައެވެ. ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން ދަނީ ލަފާ ދެމުންނެވެ.