މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް އިއުލާން ކޮށްފިއެވެ،
ބީއެމްއެލް އިން ބުނީ 15 އިން 30 ގެ ނިޔަލަށް ބޭންކްގެ ބްރާންޗްތަކާއި ސާވިސް ސެންޓާތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.
ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.
މި މަސް ނިމެންދެން ހަފްތާއަކު 4 ދުވަހު ބޭންކް ހުޅުވަން ނިންމާފައި ވާއިރު ބައެއް ހިދުމަތްތައް އޮންލައިންކޮށް އަދި ބައެއް ހިދުމަތްތައް އޭޓީއެމުން ލިބޭނެއެވެ.
އޮންލައިންކޮށް ލިބޭ ހިދުމަތްތައް:
- ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން
- ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)
- ލޯކަލް ބޭންކް ޓްރާންސްފާ
- މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް
- ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން
އޭޓީއެމް މެދުވެރިކޮށް ދޭ ހިދުމަތްތައް:
- ނަގުދު ފައިސާ ޖަމާކުރުން
- ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ
- އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ
- ޗެކު ޖަމާކުރުން
ބީއެމްއެލުން ބުނީ އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށާއި މާލޭ ސިޓީގެ ލޮކްޑައުންއަށް ބޮޑު ލުއިތަކެއް ލިބިފައިވީ ނަމަވެސް ބޭންކުން އެދެނީ ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ބޭނުން ކޮށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތް ދިނުމަށްޓަކައި ބްރާންޗް ތަކުން ހިދުމަތް ދެމުން ދާނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެންނެވެ. އަދި ހަމައެހެންމެ ދެމުން ދާނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތް ތަކެވެ.