ގޭގައި ކަރަންޓީން ކުރާ މީހުން ކަރަންޓީން ކުރާ ދުވަހުން ފެށިގެން ކަރަންޓީން މުއްދަތު ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިއަދު ނެރުނު އުސޫލުގައި ބުނެފައި ވަނީ، ގޭގައި ކަރަންޓީން ކުރާ މީހުން، ކަރަންޓީން މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށެވެ.
މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ނެރުނު އިސްލާހުގައި ދެ ކަމަކަށް ބަދަލު ގެނެސްފައި ވެއެވެ.
އެއީ ކަރަންޓީން ކޮށްފައިވާ މީހާ، އެ މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެ ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ބޭރަށް ނުކުމެވޭނެ ކަމަށް މިއަދު ނެރުނު އުސޫލުގައި ބުނެއެވެ. އެގޮތަށް ނުކުންނައިރު ވެސް އެހެން ގެތަކަށް ދިއުމާއި އެހެން މީހުންނާއެކު އެއްވެ އުޅެގެން ނުވާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައެވެ.
ރޭ ނެރުނު އުސޫލުގައި ބުނެފައިވާ ގޮތުން މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނާއި ރާއްޖެ އިން ބޭރުން އައިސް ގޭގައި ކަރަންޓީން ކުރާ މީހުންނަށް ކަރަންޓީން މުއްދަތު ހަމަވަންދެން ކަރަންޓީން ކުރާ މީހާއަށް ވެސް އަދި އެގޭގެ އެހެން މީހުންނަށް ގެއިން ނުނިކުމެވޭނެ ކަމަށެވެ.
އެ އުސޫލު އިސްލާހު ކުރި މިއީ ދެވަނަ ފަހަރެވެ. އެ އުސޫލަކީ މީގެކުރިންވެސް ނެރެފައިވާ އުސޫލަކަށް ވާއިރު އުސޫލަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ ވެސް މިއީއެވެ. މީގެކުރިން ލޮކްޑައުންގެ ހާލަތުގައި މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީީނު ވުމުގެ އުސޫލުގައި ކަރަންޓީންގައި ހުންނަ މީހަކު ހުންނަ ގެއަކުން އެއްވެސް މީހަކަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ.
އެ އުސޫލުގައި ބަޔާންކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި ކަރަންޓީން ކުރާ މީހުން ބަހައްޓަން ވާނީ ގޭގައި ދިރިއުޅޭ މީހުންނާ ވަކިން ވަކި ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއްގައި ކަމަށާއި ކޮޓަރީގައި އެއާކޯން ހަރު ކޮށްފައި ހުރިނަމަވެސް ވައި ދައުރުވާ ގޮތަށް ކޮންމެ ދުވަހަކު ވެސް ކުޑަދޮރުތައް ހުޅުވާލަންވާނެ ކަމަށްވެއެވެ.
އަދި ކޮޓަރި ހުރުން އެދެވިގެން ވަނީ ވައިދަރުވާގޮތަށް ފާހާނާއާއިއެކު ކަމަށާއި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ދެ އެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަންވާނެ ކަމަށްވެސް އުސޫލުގައިވެއެވެ. އަދި އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހުންނާ އެއް ފާހާނާއެއް، ކަރަންޓީނު ކުރާމީހާ ބޭނުންކުރުން އެދެވިގެން ނުވާ ކަމަށްވެސް އުސޫލުގައިވެއެވެ.
ރަށަށް ދާން ބޭނުންވެގެން އެ ރަށެއްގެ ކައުންސިލްގައި ރަޖިސްޓަރީ ކުރުމުން އެ މީހަކު ގޮސް ކަރަންޓީންވެގެން ހުންނަ ގެއަކީ އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި އެ ރަށެއްގެ ކައުންސިލް ގުޅިގެންނެވެ. ކައުންސިލުން އެކަން ޔަގީންކުރުމަށް ފަހު ފުރަންޖެހޭ ފޯމު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވުމުން، އެދޭ ތަރުތީބުން އެ ބަޔަކު ރަށްރަށަށް ގެންދިއުމުގެ އިންތިޒާމު ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.