11 އަހަރު ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި 38 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރި ޖެނެރަލް (ޕީޖީ)ގައި އެދިއްޖެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަކަށް ކޯޓުގައި އެދުމަށް އޭނާ ޕީޖީގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
އަދި މިއީ ވޭތުވެ ދިޔަ 5 އަހަރު ތެތޭގައި މި ގޮތަށް އެފިވަޑައިގެންވި ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާއި މެދު އެ ގާނޫނަށް ލިބިދޭ ހާއްސަ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި އެގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުރެވޭ މީހާ ތަހުގީގުގެ މަރުހަލާއާ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް އަމުރެއް ހޯދުމަށް ޕީޖީ ކޯޓަށް ހުށަހަޅައި ދިނުމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް ޕްރޮސިކިއުޓަރު ޖެނެރަލްގެ ކިބައިން އެދެވިދާނެ ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާއަކީ ދިވެއްސެކެވެ. އޭނާ ހައްޔަރުކުރީ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމުގެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެސްޓްހައުސް އެއް ގައެވެ.
މާލެ ފުރަބަންދުގައި އޮއްވާ، ގެސްޓްހައުސް އަށް އެ ކުއްޖާ ގެންދިޔަ ގޮތެއް އަދި ސާފު ނުވާއިރު އެ ގެސްޓްހައުސްއަކީ ކޮން ބަޔަކު ހިންގާ ގެސްޓްހައުސްއެއް ކަމެއްވެސް އަދި ސާފުވެފައެއް ނުވެއެވެ.
ފުލުހުން ބުނީ، އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބާރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ހާދިސާގައި ހިމެނޭ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަންވެސް ކަމާގުޅޭ މުއައްސަސާތަކާ އެކު ފޯރުކޮށް ދެމުން ދާ ކަމަށެވެ.
އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.