މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނާއި ރާއްޖެ އިން ބޭރުން އައިސް ގޭގައި ކަރަންޓީން ކުރާ މީހުންނަށް ކަރަންޓީން މުއްދަތު ހަމަވަންދެން ކަރަންޓީން ކުރާ މީހާއަށް ވެސް އަދި އެގޭގެ އެހެން މީހުންނަށް ގެއިން ނުނިކުމެވޭނެ ކަމަށް ބުނެފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލޮކްޑައުންގެ ހާލަތުގައި މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީީނު ވުމުގެ އުސޫލުގައި ބުނެފައިވަނީ ކަރަންޓީން ކުރާ މީހާ އުޅޭ ގޭގެ މީހުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ބޭރަށް ނިކުތް ނަމަވެސް އެކަން ކުރަންވާނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއި އެކުގައި ކަމަށެވެ.
އަދި އެފަދަ ހާލަތެއްގައި [ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި] ގެއިން ބޭރަށް ނިކުތް ނަމަވެސް އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
މި އުސޫލަކީ މީގެކުރިންވެސް ނެރެފައިވާ އުސޫލަކަށްވާއިރު އުސޫލަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ ވެސް މިއީއެވެ. މީގެކުރިން ލޮކްޑައުންގެ ހާލަތުގައި މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީީނު ވުމުގެ އުސޫލުގައި ކަރަންޓީންގައި ހުންނަ މީހަކު ހުންނަ ގެއަކުން އެއްވެސް މީހަކަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި ކަރަންޓީން ކުރާ މީހުން ބަހައްޓަން ވާނީ ގޭގައި ދިރިއުޅޭ މީހުންނާ ވަކިން ވަކި ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއްގައި ކަމަށާއި ކޮޓަރީގައި އެއާކޯން ހަރު ކޮށްފައި ހުރިނަމަވެސް ވައި ދައުރުވާ ގޮތަށް ކޮންމެ ދުވަހަކު ވެސް ކުޑަދޮރުތައް ހުޅުވާލަންވާނެ ކަމަށްވެއެވެ.
އަދި ކޮޓަރި ހުރުން އެދެވިގެން ވަނީ ވައިދަރުވާގޮތަށް ފާހާނާއާއިއެކު ކަމަށާއި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ދެ އެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަންވާނެ ކަމަށްވެސް އުސޫލުގައިވެއެވެ. އަދި އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހުންނާ އެއް ފާހާނާއެއް، ކަރަންޓީނު ކުރާމީހާ ބޭނުންކުރުން އެދެވިގެން ނުވާ ކަމަށްވެސް އުސޫލުގައިވެއެވެ.