ދުވަސްވަރަކީ 2018 ވަނަ އަހަރުގެ ފިނިމޫސުމުގެ ދުވަސްވަރެވެ. ބަތޮލް ތޯރިގު އަހުމަދު މީރު މަސައްކަތް ކުރަމުން ދިޔައީ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި އޮންނަ ޕަހަލްގަމްއަށް ޒިޔާރަތް ކުރަމުންދިޔަ މެހެމާނުންނަށް މަރުހަބާ ކިއުމަށް ކުރިއަށްދިޔަ ހެއްވާ މަޖާ ޝޯއެއްގައި ހުނަރުދައްކާލުމަށެވެ.
"ޖަބް ވީ މެޓް" އާއި "ރޮކްސްޓާ" ފަދަ މަޝްހޫރު ފިލްމުތަކެއް ސްކްރީންތަކަށް ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިއާޒް އަލީ އެ މާލަމަށް ވަނީ ފިލްމު ފެސްޓިވަލެއް ނިންމާލުމަށް ފަހުގައެވެ.
މީރްއާއި އިމްތިއާޒު އަޕލީ ބައްދަލުވެ، ފޮޓޯއެއް ނެގިއެވެ. އާދަޔާ ހިލާފު ކެޕްޝަނަކާއެކު އިމްތިއާޒް ޢަލީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓްކުރި އެފޮޓޯ ވެގެންދިޔައީ މީރުގެ ދިރިއުޅުން ބަދަލުކޮށްލި ފޮޓޯއަކަށެވެ.
އެދުވަހާ ޖެހުނުއިރުވެސް ޓީރިއަން ލެނިސްޓާއަކީ މީރަށް ބީރައްޓެހި ނަމެކެވެ. އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ގޭމް އޮފް ތްރޯންސް"ގައި އެ ކެރެކްޓަރު އަދާކުރި ޕީޓާ ޑިންކްލަޖްގެ ނަންވެސް ހަމަ އެ ފަދައެވެ.
ޕީޓާ ޑިންކްލަޖްގެ ޑޮޕްލްގޭންގާ ނުވަތަ ސިފަ އެއްގޮތް ދެވަނަ މީހާ ހުރީ ޖައްމުއާއި ކަޝްމީރުގައި ކަމަށް ބުނެ ސޯޝަލް މީޑިއާ ގުގުމަންދިޔައެވެ. އޭނާއާއި އެހާ ވައްތަރުވެގެން އެންމެ އެ ވާހަކަ އެ ދައްކަނީ ކާކުތޯ ބެލުމަށް މީރުވެސް އޮންލައިން ޕްލެޓްފޯމަށް އެރިއެވެ. އޭނާގެ ފޯނުން ގޭމް އޮފް ތްރޯންސް ބަލަން ފެށިއެވެ. ޑިންކްލަޖްއާއި އެއްގޮތް ކަމެއް ހުރިކަން ޚުދު މީރަށްވެސް އިހުސާސްވިއެވެ. މޫނުގެ ބައްޓަމާ، އިސްތަށިގަނޑުގެ އިތުރުން ޖިސްމާނީ ގޮތުން ހަށިގަނޑު ހެދިބޮޑުވަމުން އައި ގޮތުގައިވެސްމެއެވެ.
އޭގެ މަހެއްހާ ދުވަސް ފަހެވެ. މީރަށް އައީ ފޯނުކޯލެކެވެ. ކޯލު އައީ އިންޑިއާގެ ފިލްމު ސިޓީ މުމްބާއީއިންވެ. އެކޮޅުން ވާހަކަ ދެއްކީ ފިލްމެއްގެ ކާސްޓިންގް ޑައިރެކްޓަރެވެ. ސުޕާސްޓާ ސަލްމާން ހާންވެސް އެ ފިލްމެއްގައި އެކްޓްކުރި ފިލްމް "ބާރަތު"ގެ ރޯލެއް މީރަށް ހުށަހެޅިއެވެ. މީރު، އެ ހުށަހެޅުން ގަބޫލުކޮށް މަސައްކަތް ފެށިއެވެ. އަދި އަމިއްލަ ވަޒަނުން ބޭރަށް ފުރަތަމަ ފަހަރަށް ދަތުރު ފަށާ، މުމްބާއީއަށް މިސްރާބު ޖެހިއެވެ.
"މޭކަޕާ ނުލާވެސް އެމެރިލާގެ ބަތޮލް ޑިންކްލަޖްއާއި ވައްތަރުކަމަށް ސެޓުން ބުނަމުންދިޔަ. އެހެންވެ އަހަރެން ހުރީ ވަރަށް އުފަލުން" އެ ދުވަސްތަކުގެ ހަނދާންތައް އާ ކުރަމުން މީރު ކިޔައިދިނެވެ. އެއަށްފަހު ރޯލަކަށްފަހު ރޯލެއް މީރުގެ ވަނަވަރަށް ދިޔައީ އިތުރުވަމުންނެވެ. ބޮލީވުޑްގެ އުދަރެހައް މީރުގެ ތަރި ފާޅުވެ، އަރަމުންދިޔައެވެ.
ޅައިރުގެ ތަކުލީފުތައް
މީރަކީ 4 ބޭބެއިންނާ 2 ދައްތައިންގެ ހަގަށް ހުރި ކޮއްކޮއެވެ. ކަޝްމީރުގެ އަނަންތާގު ޑިސްޓްރިކްޓްގެ މީރު ބާޒާރު ސަރަހައްދަށް އުފަންވި މީރު ބޮޑުވީ ބަމްތަމް އަވަށުގައެވެ.
އެކްޓިންގްގެ ދާއިރާއާއި މީރު ގުޅުނީ ހައި ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދިޔަ ދުވަސްވަރުއެވެ. އޭނާގެ ހުށަހެޅުންތަކަށް އެވޯޑްތައް ލިބެމުންދިޔައެވެ. ނަމަވެސް މަސައްކަތް ހޯދުމަކީ މާ ފަސޭހަކަމަކަށް ނުވިއެވެ. ލިބެމުންދިޔައީ ކުޑަ އުޖޫރައެކެވެ.
ޖިސްމާނީ ގޮތުން ހެދިބޮޑުވުމުގައި މީރަށް ގޮންޖެހުންތަކެއް ހުއްޓެވެ. ޑްވޯފިޒަމްގެ ތަކުލީފިތަކާއެކު މުޖުތަމައުގެ ފާޑުކިއުންތައްވެސް އޭނާއަށް ދިޔައީ އަމާޒުވަމުންނެވެ. ނަމަވެސް އެއީ އެއްވެސް ކަމެއްގައި އޭނާއަށް އޮތް ހުރަހެއް ކަމުގައި މީރެއް ނުދެކެއެވެ. އެކްޓިންގް ކެރިއާގައި މީރު ދިޔައީ ހަމަ ކުރިއަށެވެ.
މީރުގެ ފޮނި ހުވަފެންތަކަށް އެޅުނީ ހީވެސް ނުކުރާ ފަދަ ހުރަހެކެވެ. ހުރަސް އައީ ސީދާ އިންޑިއާގެ ސަރުކާރުންނެވެ. ޖައްމުއާއި ކަޝްމީރަށް ލިބިފައި އޮތް މިނިވަންކަމާ އިސްތިގުލާލު ގެއްލިދާ ގޮތަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ހިންގެވި ކެމްޕޭނާއެކު 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަހަލަ ގޮތަކަށް މީރު ހުރީ އޭނާގެ ގޭގައެވެ.
ޖައްމުއާއި ކަޝްމީރު ސަރަހައްދުން މުވާސަލާތީ ގުޅުންތައް ކަނޑާ، މުޅި ސަރަހައްދު ބަންދުކޮށްލުމަށް އިންޑީއާގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު މީރަށް ބޮލީވުޑުން ލިބުނު ރަނުގެ ފުރުސަތުތައްވެސް ގެއްލުނެވެ. މޯދީ ސަރުކާރުގެ ހަރުކަށި ނިންމުންތައް ނިންމުންދިޔައިރު ފިލްމަކުން ބޮޑު ރޯލެއް އޮތީ ލިބިފައެވެ. ނަމަވެސް ފިލްމުގެ ކުރޫއާއި ގުޅޭނެ އެއްވެސް ގޮތެއް އޭރު މީރަށް ނުލިބި، އެ ފިލްމުވެސް ރިލީޒް ކުރަން ޖެހުނީ މީރާ ނުލައެވެ.
އެކަމުން އަރައި ނުގަނެވި އުޅެނިކޮށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުންއާއި ކުރިމަތިވެ، ހުރިހާ ގޮތަކުން މީރު ގޭބަންދުވިއެވެ.
މިހާ ހިސާބުން ނިމުނީކީއެއް ނޫނެވެ. އިންޓަނެޓުން އަނެއްކާވެސް ޑިންކްލަޖްގެ ޑޮޕްލްގޭންގާއެއް ހޯދިއެވެ.
"ޑިންކްލަޖް"ގެ މަގުބޫލުކަމަށް ވާދަވެރިކަން
މި ފަހަރު ޕާކިސްތާނުގެ ރާވަލްޕިންޑީގައި ހިންގާ ކަޝްމީރުގެ ރެސްޓޯރަންޓަކުންނެވެ. އެއީ އެ ރެސްޓޯރަންޓުގެ ވެއިޓަރު ރޯޒީ ހާންއެވެ. މީރާ އެއްގޮތަށް ހާންއަށްވެސް ޑިންކްލަޖްއެއް ނޭނގެއެވެ. ނަމަވެސް ޑިންކްލަޖްއާއި ހާންގެ ފޮޓޯތައް ސޯޝަލް މީޑިއާ ފަތަހަކުރިފަދައެވެ.
ޖައްމުއާއި ކަޝްމީރަށް 2-ޖީ އިންޓަނެޓް ދޫކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމުމާއެކު މީރު ސޯޝަލް މީޑިއާގައި ފީނާލިއެވެ. އޭނާއަށް ފެނުނީ ޑިންކްލަޖްއާއި ހާންގެ ފޮޓޯތަކެވެ. މީރު ބުނާ ގޮތުގައި ޑިންކްލަޖްއާއި އެންމެ ވައްތަރުވާނީ އޭނާއެވެ. އަދިވެސް މީރުގެ އުއްމީދަށް ފަނޑުކަމެއް ނާދެއެވެ. އޭނާ އަމާޒު ހިފާފައި ހުރީ ބޮލީވުޑްގެ ބޮޑެތި ރޯލުތައްވެސް ކަށަވަރު ކުރުމަށެވެ. މީރު ބުނާ ގޮތުގައި އޭނާގެ ހިތުގައި ޑިންކްލަޖްއަށް ހާއްސަ މަގާމެއް ވަނީ ދެވިފައެވެ. އަދި މިހާތަނަށް ޑިންކްލަޖްއާއި ބައްދަލުވެފައި ނެތެއް ކަމަކު، މީރު ބުނާ ގޮތުގައި އޭނާއަށް ގިނަ މަސައްކަތްތަކަކާ ގިނަ ބައެއްގެ އިހުތިރާމް ލިބެނީ ޑިންކްލަޖްގެ ސަބަބުންނެވެ.