މާލޭގެ ގެސްޓު ހައުސްއެއްގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ މާލޭގެ ގެސްޓް ހައުސްއެއްގައި ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ހަބަރު އެ ކޯލިޝަނުން އެހީ ފުން ހިތާމައާއި އަސަރާއި އެކު ކަމަށެވެ. އަދި މި ނުބައި ނުލަފާ ހަޑިމުޑުދާރު އަމަލު އެކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މި ލާއިންސާނީ އަމަލު ހިންގި ފަރާތާއި، އަދި މިކަމުގައި އިތުރު އެއްވެސް ބަޔަކު އެހީތެރިވެފައިވާނަމަ، އެބަޔަކު ހޯދާ، ތަހުގީގު އަވަސްކޮށް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ އަނިޔާ ލިބިފައިވާ ކުޑަކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުއާ ކުރާ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުން އިތުރުވަމުން ދިއުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވޭނީ، ނުފޫޒުތަކުން އެއްކިބާވެ ތިބެ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ފުރިހަމަ އަދާކޮށްގެން ކަމަށްވާތީ، މިފަދަ މައްސަލަތަކުގެ ތަހުގީގު ލަސްނުކުރުމަށާއި، އަދި އެފަރާތްތަކަށް ހައްގުވާ އަދަބު ތަންފީޒުކުރުމުގައި ލުއި ނުދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ހަމައެއާއެކު އެ ކޯލިޝަނުން ވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވާ ކުދިންނަށް ނަފްސާނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފަރުވާތެރިކަމާއެކު ލަސްނުކޮށް ފުރިހަމައަށް ފޯރުކޮށްދީ އެކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ވެސް ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށް ގޮވާލާފައެވެ.
11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ފުލުހުން ބުނީ މާލޭގެ ގެސްޓް ހައުސެއްގައި އަންހެންކުއްޖަކު ރޭޕްކުރި މައްސަަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތް ދަނޑިވަޅެއްގައި، ކުޑަ ކުއްޖަކު ގެސްޓް ހައުސަށް ގެންދެވުނު ގޮތެއް ބެލުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައި ވަނީ މާލޭގެ ގެސްޓް ހައުސެއްގައި މިދިއަ ބުދަ ދުވަހެވެ.