ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުންއާއެކު މުހިންމު ބޮޑެތި ބައްދަލުވުންތަކާ އާއިލީ އެއްވުންތައް އޮންލައިން ޕްލެޓްފޯމަށް ބަދަލުވެފައި ވާއިރު، ގިނަ ބަޔަކަށް އެކަމަކަށް އެދެމުން ދިޔަ ނޮއިސް ކެންސަލޭޝަން ފީޗާ ނުވަތަ ބޭކާރު އަޑުތައް އެއްކޮށް ކަނޑާލާ ފީޗާއެއް ގޫގްލް މީޓްއަށް ތައާރަފު ކޮށްފިއެވެ.

މިއީ މިދުވަސްވަރު އެންމެ ގާތުން ވާދަ ކުރަމުން އަންނަ ޒޫމްއާއި މައިކްރޮސޮފްޓް ޓީމްސްއާ ގޮންޖަހާލަނިވި ފީޗާއެއް ކަމަށް ޓެކްނޮލޮޖީ ދުނިޔޭގެ ޚަބަރުތައް ބުނެއެވެ.

ގޫގްލްއަށް ހާއްސަ ސިފަތަކަކާއެކު ގޫގްލް މީޓްއަށް ތައާރަފުކުރި ނޮއިސް ކެންސަލޭޝަން ފީޗާއަކީ އޮންލައިން ބައްދަލުވުންތަކުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވާ އަޑު ނުސާފުވުމާ، އިތުރު އަޑުތަކާ، ބޭކާރު އަޑުތަކުގެ ސަބަބުން ސަމާލުކަން ގެއްލިގެންދާ މައްސަލައަށް ލިބުނު ލުއި، ފަސޭހަ ހައްލެކެވެ.

https://www.youtube.com/watch?v=1q61B8zdSV0&feature=youtu.be

ގޫގްލް އިން ތައާރަފުކުރި ނޮއިސް ކެންސަލޭޝަން ފީޗާއަކީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރުގެ ކީޕެޑްގެ އަޑުތަކާ، ޑިވައިސް އާދަޔާ ހިލާފަށް ހޫނުވެދާނެތީ ބޭނުންކުރާ ފަންކާތަކުގެ އަޑު ކަނޑުވާލަދޭނެ ފީޗާއެކެވެ. މީގެ އިތުރުން އެޕްލިކޭޝަން ބޭނުންކުރަމުންދާ ވަގުތު ޗިޕްސް ފަދަ ލުއި ކާނާގެ ބާވަތްތައް ބޭނުން ކުރާނަމަ އެ ފަދަ ހާލެއްގައި އިވޭ އަޑުތައްވެސް ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ކަމަށް ޚަބަރު ލިބެއެވެ.

މި އާ ފީޗާ ތައާރަފުކޮށްފައިވަނީ ވެބް މެދުވެރިކޮށް ޖީ-ސޫޓް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. އެންޑްރޮއިޑް އަދި އައިއޯއެސް ކަސްޓަމަރުންނަށްވެސް މި ފީޗާ ތައާރަފުވެގެންދާނެ ކަމަށް ޚަބަރު ލިބެއެވެ.