ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 2907 ނަރުހުން ކަމަށް އެންއީއޯސީން ބުނެފިއެވެ.

އެންއީއޯސީން މިހެން ބުނީ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދީ ނިއު ނޯމަލްގައި އަމަލު ކުރާނރ ގޮތްތަކާ ބެހޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލެއްގެ ޖަވާބުގައެވެ. އެގޮތުން އެންއީއޯސީން ވަނީ ނިއު ނޯމަލްގައި މާލެ ސަރަހައްދު ހުޅުވާލުމުން ދެވަނަ ރާޅެއް އައިސްފިނަމަ ހިދުމަތް ދިނުމަށް ހުރި ކެޕޭސިޓީގެ ތަފްސީލު ހާމަކޮށްފައެވެ.

އެންއީއޯސީން ބުނީ މިހާރު ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށެވެ. އަދި އޭގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުގެ 60 ނަރުހުންނާއި 120 ނަރުހުން ހިމެނޭ ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1145 ޕީސީއާރް ޓެސްޓު ކުރެވޭއިރު، މި ކެޕޭސިޓީ އަންނަ މަސް ފެށުމުގެ ކުރިން އިތުރު ކުރެވޭނެ ކަމަށް ބުނެއެވެ. ދުވާލެއްގެ މައްޗަށް 1145 ޓެސްޓު ކުރެވޭއިރު، އެއީ ފުލުހުންގެ ލެބުން ކުރާ 145 ޓެސްޓާއި އައިޖީއެމްއެޗުން ކުރާ 500 ޓެސްޓު އަދި އޭޑީކޭއިން ކުރާ 500 ޓެސްޓެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ތައްޔާރު ކޮށްފައި ވާއިރު ޓްރީޓޮޕް ހޮސްޕިޓަލް ވެސް ވަނީ މިކަމަށް ހާއްސަކޮށްފައެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގައި 100 އައިސޮލޭޝަން އެނދާއި، 100 އައިސީޔޫ އެނދު ހުރެއެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 261 އައިސޮލޭޝަން އެނދާއި 28 އައިސީޔޫ އެނދު ހުންނައިރު، ސިއްހީ ހިދުމަތްތެރިންނަށް އެތަނުގައި ތިބެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ރީޖަނަލް ކޮވިޑް ހޮސްޕިޓަލްތައް ވެސް ވަނީ ފުރިހަމަ ކޮށްފައެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ވަނީ 7 ފެސިލީއެއް ގާއިމްކޮށް ނިންމާފައެވެ.

  • ފުވައްމުލައް ސިޓީ: 3 އައިސީޔޫ އެނދު،
  • ސ. ހިތަދޫ: 23 އައިސީޔޫ އެނދާއި 22 އައިސޮލޭޝަން އެނދު،
  • ގއ. ވިލިނގިލީ: 23 އައިޔޫ އެނދާއި 21 އައިސޮލޭޝަން އެނދު،
  • ލ. ގަން: 20 އައިޔޫ އެނދާއި 23 އައިސޮލޭޝަން އެނދު،
  • ބ. އޭދަފުށި: 20 އައިޔޫ އެނދާއި 37 އައިސޮލޭޝަން އެނދު،
  • ށ. ފުނަދޫ: 20 އައިޔޫ އެނދާއި 37 އައިސޮލޭޝަން އެނދު އަދި
  • ހއ. އިހަވަންދޫ: 3 އައިސީޔޫ އެނދު މިއެވެ.

ކޮވިޑް ރީޖަނަލް ހޮސްޕިޓަލްތަކަށް ބޭނުންވާ ސިއްހީ އާލާތްތައް ފޮނުވުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައި ވާއިރު، މިހާތަނަށް 1976 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 8 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.