މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ތިން ދުވަހަށް ދަންމާލައިފިއެވެ.

ހެލްތް ޕްރޮޓެކޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން މިދިޔަ އޭޕްރީމް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި އާންމު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދުގައި އިއުލާން ކުރި ލޮކްޑައުންގެ މުއްދަތު ތިން ދުވަހަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އިއުލާނާ ކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި މާލެ، ހުޅުމާލެ، ވިިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާވާނެއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ދިނުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅަށް މީހުން އަރާ ފޭބުންވެސް މަނާވާނެއެވެ.

މާލެ ސިޓީ ލޮކްޑައުން ހާލަތަށް ގެންގޮސްފައި ވާއިރު މި ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ގޮތުގައި ވަނީ ފުލުހުންނާއި ސިފައިންގެ އިތުރުން ސިއްހި ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު އަދި އެން.އީ.އޯ.ސީ.ގެ ފާސްލިބިފައިވާ ފަރާތްތަކާއި ފާސްލިބިފައި ވާ މީޑިއާތަކަށް ކަމަށް އެޗްޕިއޭއިން ބުނެއެވެ. އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހި ކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.

މާލެ ސަރަހައްދުގައި އެންމެ ފަހުން ލޮކްޑައުން އިތުރު ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. އޭރު އިއުލާން ކުރި މުއްދަތު މިއަދަށް ހަމަވެފައި ވާއިރުވެސް ލޮކްޑައުންގެ މުއްދަތު އިތުރު ނުކުރުމުން ލޮކްޑައުން އުވިފައިވާ ކަމަށް ބައެއް މީހުން އައީ ބުނަމުންނެވެ.