ލޮކްޑައުން އަށް ލުއި ދިނުމުގެ ގޮތުން އާ އާންމު ހާލަތުގައި ކެފޭ އަދި ރެސްޓޯރެންޓްތަކާއި ޓޭކް އަވޭގެ ހިދުމަތް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު ހުޅުވާލެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ކެފޭ އަދި ރެސްޓޯރެންޓްތަކާއި ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު ހުޅުވާލެވޭނެ ކަމަށެވެ.

އަންނަ ހޯދަ ދުވަހުން ފެށިގެން މި ގޮތަށް ހުޅުވާލި ނަމަވެސް ހޮޓާ/ރެސްޓޯރަންޓުގައި ތިބެގެން ކައި ބޮއެ ހަދަން ހުޅުވާލާނީ މި މަހުގެ 30 ގެ ފަހުންނެވެ.

މީގެ އިތުރުން ޝައިނާ ވިދާޅުވީ ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކުފަދަ އަޅައިގެން ތިބުމަކީ އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށާއި ފިހާރަތަކަށް ވެސް އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދު ފާހަގަކޮށް، ގައިދުރުކަން ބެހެއްޓޭނެ ގޮތައް ފާހަގަތައް ޖަހާފައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

"އިރުޝާދު ދެނީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައި، ގިނަ އިން އަތް ދޮވުމަށް. އަތް ދޮވެވޭނެ އިންތިޒާމުތައް ހަމަޖައްސަން ބާރު އަޅަން. ހުރިހާ ފިހާރަތަކެއް ހުޅުވިގެންދާ އިރު، އެތަނަށް ވަދެވޭނެ އެންމެ ގިނަ އަދަދެއް ކަނޑައަޅާފައި ހުންނަން ވާނެ"
ޝައިނާ

ކޮވިޑް-19ގެ ސަބަބުން ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން މެދުކަނޑާލާ، ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ދިނުމަށް އެޗްޕީއޭން އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.