ވިޔަފާރީގައި ކަސްޓަމަރުންނަށް އޮޅުވާލުންތަކެއް އޮޅުވާލި ތައިލޭންޑްގެ ރެސްޓޯރަންޓް އޯނަރުންތަކެއްގެ މައްޗަށް 1446 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ލައެމްގޭޓް ސީފުޑް ރެސްޓޯރަންޓްގެ 2 އޯނަރުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް 1446 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދުރާލާ ފައިސާ ނަގައިގެން ކުރިއަށް ގެންދަން ފެށި ވިޔަފާރިއަކާ ގުޅިގެންނެވެ.

މި ޕްރޮމޯޝަންގައި 20000 އެއްހާ މީހުން ވަނީ ގާޓްގަނޑަކަށް 1.6 މިލިއަން ޑޮލަރުގެ ވައިޗަރު ގަނެފައެވެ. ނަމަވެސް ޑިމާންޑާ އެއްވަރަށް ކޭޓާ ނުކުރެވޭނެ ކަމަށް، އެ ރެސްޓޯރަންޓްގެ ހިދުމަތްތައް މެދުކަނޑާލާ، ރެސްޓޯރަންޓް ބަންދުކުރިއެވެ.

ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް، ރެސްޓޯރަންޓްގެ 2 އޯނަރުން ގެންދިޔައީ އެތައް ސަތޭކަ ބަޔަކު ޝަކުވާ ކުރަމުންދިއުމާ ގުޅިގެންނެވެ. އަދި ވިޔަފާރީގައި އޮޅުވާލިކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރެސްޓޯރަންޓާ ދެކޮޅަށް ދައުވާ އުފުލާފައެވެ.

ރެސްޓޯރަންޓްގެ 2 އޯނަރުންގެ މައްޗަށް ކުރި ދައުވާއަށް އެ 2 މީހުންވެސް އިއުތިރާފުވުމާއެކު، ހުކުމުގެ މުއްދަތު ވަނީ 723 އަހަރަށް ކުޑަކޮށްދީފައެވެ. ތައިލޭންޑްގައި މިފަދަ މައްސަލަތުގައި އާންމުކޮށް އިއްވަނީ އެންމެ ގިނަ ވިގެންވެސް 20 އަހަރުގެ ހުކުމެކެވެ. ނަމަވެސް 2017 ވަނަ އަހަރުވެސް ތައިލޭންޑްގެ ކޯޓަކުން ވަނީ މިފަދަ އޮޅުވާލުމެއް އޮޅުވާލި މީހެއްގެ މައްޗަށް 13000 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.