ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހިތްޕުޅުގައި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހްތިރާމެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅު ކޯލިޝަނުން މިހެން ވިދާޅުވީ، ފުލިދޫ ރައްޔިތުންގެ ހައްގުގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް މަޖިލީހަށް ހުށަހެޅި ގަރާރު އެޖެންޑާ ކުރުމަށް ފަހު އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމުންނެވެ. އިދިކޮލޫން ބުނީ ފުލިދޫ ރަށް ގިރަމުންދާ މައްސަލަ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެ ކޯލިޝަންގެ ފަރާތުން ފަޒުލް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވަނީ މިދަޔ ފެބްރުއަރީ މަސްތެރޭގައި ކަމަށެވެ. އަދި އެ ގަރާރު މަޖިލީހުގެ ޖަލްސާއަަކށް ކުއްލި ގޮތަކަށް އެޖެންޑާ ކުރުމަށްފަހު މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ ގަރާރު މަޖިޅީހުގެ ތަޅުމުން ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފަށް އެ ގަރާރު ތަޅުމުން ބޭރުކޮށްލުމަކީ ރައްޔިތުންނާމެދު އެ މަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް މިންވަރެއްގެ އިހްތިރާމެއްނެތް ކަން ހާމަވެގެނދާ ހެއްކެއް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމުގައި މަޖިލީހުގެ ރައީށް ދެއްކެވި ހުއްޖަތަކީ އެ ކޯލިޝަނުން ބަލައިގަންނަ ހުއްޖަތެއް ނޫން ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. އަދި އެކަން އެގޮތަށް ކުރެއްވީ ރައީސް ނަޝީދުގެ އަނިޔާވެރިކަމާއި، ހުދުމުހުތާރުކަމުގެ ސަބަބުން އިދިކޮޅު މެންބަރުންނަށް މަޖިލީހުގައި މިނިވަންކަމާއެކު ހަަކާތްތެރިވެވޭނެ މާހައުލެއް ނެތުމާއެކު މަޖިލީހުގެ ޖަލްސާގައި އެ ކޯލިޝަންގެ މެންބަރުން ބައިވެރިނުވާން ނިންމާފައިވާ ދަނޑިވަޅެއްގައި ކަމަށްވެސް އެ ކޯލީޝަނުން ބުނެއެވެ.
މަޖިލީހުގެ ޖަލްސާތައް އިދިކޮޅު މެންބަރުން ބޯއިކޮޓް ކުރާނެކަމަށް އިއުލާންކޮށްފައި ވަނިކޮށް، ގަރާރު ހުށަހެޅުއްވި މެންބަރު މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވެ އެ ގަރާރު ތަޅުމުން ބޭރުކޮށްލެވޭނެ އެއްވެސް ހަމައެއް މަޖިލީހުގެ ގަވާއިދުން ފެންނަން ނެތް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މަޖީލީހުގެ ގަވާއިދުގައި ބުނާގޮތުގައި މަޖިލީހަށް ހުށަހެޅޭ ގަރާރެއް ހުށްހެޅުމަށް ނުވަތަ ހުށަހަޅާ ވަގުތު ހުށަހެޅުއްވި މެންބަރު މަޖިލީހުގެ ތަޅުމުގައި ހާޒިރުވެއިނުން ލާޒިމް ނުކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.
ރައްޔިތުންގެ ހައްގުގައި ހާއްސަކޮށް ފެލިދޫ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ފަޒުލް ކުރައްވަމުން ގެންދަވާ މަސައްކަތަުގައި އެ ކޯލިޝަނުން އެއްބާރުން ދޭނެ ކަމަށާއި އަދި ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އެ ކޯޅިޝަނުން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް އިދިކޮޅުން ބުނެއެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުމެއްގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާތަކާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަނީ މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓް ކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ބައެއް ފަހަރު އެމަނިކުފާނަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ވާދަވެރިކަމާ އެކު މަސައްކަތްތައް ކުރުމަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި ރާއްޖެ އަކީ އެއްޕާޓީ ގައުމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.