ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދަތުރުފަތުރު ކުރުން މުޅިހެން ހުއްޓުމަކަށް އައިސްފައި ވާއިރު، އިޓަލީވިލާތުގެ އަވަށަކުން މެހެމާނުން ހޯދުމަށް މަސައްކަތް ފަށާ، ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ.

އިޓަލީވިލާތުގެ ކެލާބްރިއާ ސަރަހައްދުގައި އޮންނަ ޗީކުއޭފްރޮންދީއިން މިކަން ކުރުމަށް ބަރޯސާވީ އިޓަލީވިލާތަށް ހާއްސަ '1-ޑޮލާ-ބޮނޭންޒާ" ނުވަތަ '1-ޑޮލަރު'ގެ ވިޔަފާރި ސްޓަންޓަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަންވެސް ފެތުރިފައި ނެތް ކަމަށް ވަކާލާތުކުރާ ޗީކުއޭފްރޮންދީއިން ގެދޮރުވިއްކަނީ އެންމެ ޕައުންޑަކަށެވެ. މިއީ ޑޮލަރުގެ އަގުން ބަލާނަމަ ޑޮލަރަކަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު އަގެކެވެ.

ޗީކުއޭފްރޮންދީގެ މި ސްޓަންޓްއަކީ ޒުވާނުންގެ އާބާދީ ހުސްވަމުންދާ ދިއުމަށް ހައްލެއް ހޯދުމަށް ބޭނުންކުރަމުންދާ އުކުޅެއް ކަމަށްވެއެވެ. މި ސަރަހައްދުގެ ޒުވާނުން އަވަށް ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައިވަނީ އާމްދަނީ ހޯދުމަށެވެ.

ޗީކުއޭފްރޮންދީގެ މޭޔަރު މިޝޭލް ކޯނިއާ ވިދާޅުވީ މިހާރުވެސް ބޭނުން ނުކޮށް ފަޅުވެފައިވާ ގެތަށް އެބަހުރި ކަމަށާ، އެތައް ބަޔަކު އަވަށްދޫކޮށް ގޮސްފައިވާކަމަށެވެ. ހުދު އޭނާވެސް ބޮޑުވީ ޖަރުމަނުވިލާތުގައި ކަމަށާ، ނަމަވެސް އުފަން އަވަށް ފަޅުވާން ދޫކޮށްލެވެން ނެތް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މި ސަރަހައްދުން 1 ޕައުންޑަށް ވިއްކަނީ 40-50 އަކަފޫޓުގެ ގެތަކެކެވެ. ގިނަ ގެތަކުގައި ބެލްކަނި ހުންނައިރު، ފެންނަނީވެސް ނަލަ މަންޒަރުތަކެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މޭޔަރު ވިދާޅުވީ ޑިމާންޑަށް ބަލާ، އަދިވެސް އިތުރު ގެތަކެއް މާކެޓަށް ލުން އެކަށީގެންވާކަމަށެވެ.

ޗޫކުއޭފްރޮންދީއަކީ ގަދީމީ އިމާރާތްތަކާ ދިރިއުޅުމަށް ލޯބިކުރާ ފަރާތްތަކަށް ހިތްގައިމު މަންޒިލެކެވެ.