ރާއްޖޭގެ އުތުރުން ގިނަ އަތޮޅުތަކުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުއެއް ފަށައިފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖާ ހެލްތު ސާވިސަސް އަހްމަދު ދާއޫދު ވިދާޅުވީ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް އެ ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

އެ މަސައްކަތަކީ މިފަދަ ދަނޑިވަޅަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ އިތުރުން 100 އެނދުގެ އާ ޓާޝިއަރީ ހޮސްޕިޓަލު ޕްރޮޖެކްޓެއްވެސް ކުރިއަށް ރެވިފައިވާ ކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓްގެ ސަބަބުން ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށް ދީ، ޒަމާނާ ގުޅޭ ބައެއް ކަހަލަ ބަދަލުތައް ގެނެސް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ހިތްހަމަޖެހުން އިތުރުވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އާ ވާޑް އިމާރާތެއް އެޅުމަށް އެމްޓީޓީސީއާ ހަވާލުކޮށް ކުރިއަށް ދަނީ

މިފަދަ ވަގުތެއްގައި ވެސް އެ ޕްރޮޖެކްޓް ފެށިގެން ދިއުމަކީ ނުހަނު އުފާ ކުރާ ކަމެއް ކަމަށާއި އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި އާ ހޮސްޕިޓަލުގެ އިމާރާތް ނިންމާ އެ ޓާޝިއަރީ ހޮސްޕިޓަލުގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށްވެސް އޭޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީފައި އަޅާ އާ ވޯޑް ޕްރޮޖެކްޓްގައި ހިމެނެނީ 30 އެނދުގެ ވޯޑް އިމާރާތެއް އެޅުމާއި (ދެ ބުރިއަށް)، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓަރީ އަޕްގްރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އާ ވޯޑް އިމާރާތެއް އެޅުމަށް ހަވާލު ކޮށްފައި ވަނީ އެމްޓީޓީސީއާއެވެ. އެ ޕްރޮޖެކްޓްގައި ސޮއި ކުރެވުނީ މިދިޔަ އަހަރުގެ ނޮވެންބަރު 14 ގައެވެ. އަދި އެ ޕްރޮޖެކްޓް ފަށާފައި ވަނީ މިދިޔަ މޭ މަހުގެ 17 ގައެވެ. ޕްރޮޖެކްޓް ނިންމުމަށް ދީފައިވާ މުއްދަތަކީ މޮބިލައިޒޭޝަން ތާރީހުން ފެށިގެން ހަ މަސް ދުވަހެވެ. ހަ މަސް ދުވަހުން ނިންމަން ޖެހޭ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 30,317,922.24 ރުފިޔާ އެވެ.

ކުޅުދުއްފުއްޓަށް ޒަމާނީ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުން ދާއިރު މިފަހުން އެ ހޮސްޕިޓަލުން ވަނީ ބޮޑު ދެ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. އެގޮތުން އަންހެނެއްގެ އޯވަރީގައި އުފެދިފައި ހުރި ބޮޑު ދެ ސިސްޓް ނަގައި ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. އަދި 28 ހަފުތާގެ ކުއްޖަކަށް ފަރުވާދީ ސަލާމަތް ކޮށްފައިވެސް ވެއެވެ.