ރައްޔިތުން މަޖިލީހުގައި އޮންނަ މައިނޯރިޓީ ޕާޓީއާ ނުލާ މަޖިލިސް ޖަލްސާ ހިންގަން ބޭނުންފުަޅު ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ބައެއް ފަހަރު އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަަމަވެސް އެއްވެސް ހާލެއްގައި އެއީ އަބަދު މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ހަމަތަކުގެ ގޮތުގައި މެންބަރުން ދެކެވަޑައިނުގަތުމަށް ނަޝީދު ވަނީ އެދިލައްވާފައެވެ.

"ހާއްސަކޮށް ޕީޕީއެމްއާއި ޕީއެންސީގެ އިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެން މަޖިލީހަށް ވަޑައިގެންނެވުމަށް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވާދަވެރިކަމާ އެކު މަސައްކަތްތައް ކުރުމަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. ރާއްޖެ އަކީ އެއްޕާޓީ ގައުމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި އަޅުގަނޑުު ނިކަމެތިވާންވީ ވަރަކަށް ނިކަމެެތިވެސް ވާނަން. މިދެންނެވި ހަމަ މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެމެހެއްޓުމަށް ޓަކައި، އެއީ އަޅުގަނޑު ނިކަމެތިވާން ޖެހޭ ކަމެއް ކަމުގައި ވަނީ ނަމަ އިރާދަކުރެއްވިއްޔާ އެކަން ވެސް ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓު ކުރާތާ މިއީ ތިންވަނަ ދުވަހެވެ. އެ ކޯލިޝަނުން ބުނީ މި މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ހިލާފަށް، ކުއްލިއަކަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވެވުމަށް ފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

އަދި އެމްޑީޕީގެ ބައެއް މެންބަރުން ލައްވާ ޝިޔާމަށް އަނިޔާކޮށް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެލުމަށްފަހު މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލާފައިވާ ކަމަށެވެ. ޝިޔާމުގެ ހާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭ ފަދަ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާޢީ ތަހްގީގެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.