ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހިންނަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާ ކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަ ކޮށްފިއެވެ.
"އެމްޕްލޯއިމަންޓް އިން ޓުއަރިސްޓް ރިސޯޓްސް 2019" ގެ ނަމުގައި އެންބީއެސް އިން ނެރުނު ރިޕޯޓުގައި ބުނީ ޖުމްލަ 44954 މުވައްޒަފުން ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 2014 ވަނަ އަހަރާ އަޅާބަލާއިރު، ރިސޯޓުގައި މަސައްކަތް ކުރާ ފަރާތްތައް 62 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައި ބުނީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ 23622 މުވައްޒަފުންނަކީ އެއީ ބިދޭސީން ކަމަށާއި، އެއީ ރިސޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ 53 ޕަސަންޓް ކަމަށެވެ. އަދި އޭގެ ތެރެއިން 45 ޕަސަންޓް މުވައްޒަފުންނަކީ ފިރިހެނުން ކަމަށާއި 7 ޕަސަންޓަކީ އަންހެނުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ރިސޯޓް މުވައްޒަފުންގެ ތެރެއިން 47 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އެއީ ޖުމްލަ 21323 މުވައްޒަފުންނެވެ. މީގެ ތެރެއިން 45 ޕަސަންޓަކީ ފިރިހެނުންނަށް ވާއިރު 3 ޕަސަންޓަކީ އަންހެނުންނެވެ.
އެންބީއެސް އިން ބުނީ މި ރިޕޯޓުން ހާމަވެގެން ދިޔައީ ދިވެހިންނަށް ރިސޯޓްތަކުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަން ކަމަށެވެ. އަދި ވަޒީފާގެ މާހައުލުތައް ހަރުދަނާކޮށް ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި އަންހެނުންގެ އަދަދު އިތުރު ކުރަން ޖެހިފައިވާ ކަމަށް ވެސް އެ ބިއުރޯއިން ބުނެއެވެ.
އެ ބިއުރޯއިން ބުނީ، ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ފައިދާތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތަފާސްހިސާބުތައް ގަވައިދުން ނަގަން ޖެހޭ ކަމަށެވެ. އަދި މިއީ އެ ބިއުރޯއިން ވެސް އިސްކަންދޭން ޖެހޭ ކަމެއް ކަމަށް އެ ބިއުރޯއިން ބުނެއެވެ.
އެންބީއެސް އިން މި ރިޕޯޓް އެކުލަވާލާފައި ވަނީ އެ ބިއުރޯއާއި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން ރިސޯޓް މުވައްޒަފުންނާ ބެހޭގޮތުން ކުރި ސާވޭއަކަސް ބިނާކޮށެވެ. މި ސާވޭ ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުއެވެ.
ރިސޯޓް ގެ މުޅި މުސާރަ ސީޓަ ބަލާލީމަ ފެންނާނެ 95% ފައިސާ ދާނީ މި ގައުމުން ބޭރަށް. ސަބަބަ ކީ. 60% އައް ވުރެ ގިނަ ސުޓާފުންނަކީ ބޭރު މީހުން. އަދި ބޮޑެތި މުސާރަ ތިބީ ބޭރު މީހުން. ދިވެހިންގެ ގައުމު އަހަރެމެން ރާއްޖެއަށް މި ވަންނަނީ އެންމެ 5% ވީއިރު މިރިޕޯޓް ތަކުން އަހަރެމެންނަށް ހަގީގީ ފައިދާއެއް ނުވޭ. މީ ވިސްނަން ވެއްޖެ ކަމެއް