ކޮވިޑް-19ގެ ސަބަބުން މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވާއިރު، ފުރަތަމަ ފިޔަވަހީގައި ދޭނެ އިތުރު ލުއިތައް މާދަމާ ރޭ އިއުލާން ކުރަން ނިންމައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވާއިރު، ލުއިތަކެއް ދޭން ނިންމާ އެކަން ތަންފީޒު ކުރަން ފެށީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހެވެ. އެ ދުވަހުން ފަށައިގެން ދެ ހަފްތާގެ މުއްދަތަކަށް ފުރަތަމަ ފިޔަވަހީގައި ލުއިތައް ދޭން ފަށާފައި ވާއިރު، ފުރަތަމަ ފިޔަވަހީ ދެމިގެން ދަނީ 4 ހަފްތާގެ މުއްދަތަކަށެވެ.

އިތުރު ލުއިތައް ދިނުމާ ބެހޭގޮތުން ރައީސް އިބްރަހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ޕޮލިސީ ލެވަލްގެ ބައްދަލުވުމުގައި ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދޭން ނިންމާފައިވާ ލުއިތައް މާދަމާ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އިތުރު ތަފްސީލުތައް އެކިއެކި މިނިސްޓްރީތަކުން ވެސް ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރު ލުއިތަކެއް ދޭން ނިންމާފައި ވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1942 އަށް އަރާފައެވެ. މީގެ ތެރެއިން 1010 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ނިންމާފައިވާއިރު، 8 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 922 ކޭސްއެވެ.