މިހާތަނަށް 71291 މީހުންނަށް ފިހާރައަށް ދިއުމަށް ހުއްދަ ދީފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ނިޔަލަށް 71291 މީހުންނަށް ވިޔަފާރި ކުރުމަށް ބޭރަށް ނިކުތުމުގެ ހުއްދަ ދީފައިވާއިރު، ވިޔަފާރި ކުރުމަށް އެކު ޖުމްލަ 52617 ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރިތަކަށާއި ސަޕޯޓް ސްޓާފުންނަށް އަދި ވެހިކަލްތަކާއި ޑެލިވަރީތަކަށް ދޫކުރި ހުއްދަތައް ހިމެނެއެވެ.

ވިޔަފާރި ކުރުމަށް ދޫކުރި ހުއްދަތަކުގެ ތެރޭގައި ސީދާ ވިޔަފާރިތަކަށް 10041 ހުއްދަ ދޫކޮށްފައިވާއިރު، ސަޕޯޓް ސްޓާފުންނަށް 18637 ހުއްދަ އަދި ވެހިކަލްތަކަށް 12212 ހުއްދައިގެ އިތުރުން ޑެލިވަރީ ކުރުމަށް 11727 ހުއްދަ ދޫކޮށްފައިވެއެވެ.

މީގެ އިތުރުން، ޒަރޫރި ބޭނުންތަކުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމަށް 13058 މީހުންނަށް ހުއްދަ ދޫކޮށްފައިވާއިރު، ލޮކްޑައުންއަށް ދިން ލުއިތަކާއެކު އުމުރުން ދުވަސްވީ މީހުންނަށް ހިނގާލަން ނިކުތުމަށް 1328 ހުއްދަ ދޫކޮށްފައިވެއެވެ. އުމުރުން ދުވަސްވީ މީހުންނަށ ްހިނގާލަން ނިކުންނަށް ހުއްދަ ދެނީ ހެނދުނު 5:00 އިން 8:00 އާ ދެމެދުއެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށް، މިހާ ގިނަ އަދަދަކަށް ހުއްދަ ދޫކުރަމުންދާއިރު، ވެސް ހުއްދަ ނެތި ބޭރުގައި އުޅުމުގެ ސަބަބުން 8000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށް 500 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ.