ފުޅާދާއިރާއެއްގައި ހަރުކަށި ކަމާއެކު ތަންފީޒު ކުރި ލޮކްޑައުން އަމުރާއެކު ވިލާތު ބައްރުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އޭގެ އެންމެ އިންތިހާއަށް ފެތުރިގެން ނުގޮސް ކޮންޓްރޯލް ކުރެވުނު ކަމަށާ، މިކަމުގެ ސަބަބުން 3 މިލިއަނެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވުމުގެ ފުރުސަތު އެބަ އޮތްކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.
އިމްޕީރިއަލް ކޮލެޖް ލަންޑަންއިން ހެދި ކޮވިޑް-19ގެ މޮޑެލިންގް ސްޓަޑީ ހަދާފައި ވަނީ މި ބަލިމަޑުކަމުގައި ވިލާތު ބައްރުގެ 11 ގައުމަކުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެ ފިޔަވަޅުތަކުން ނިކުތް ނަތީޖާތަކަށް ބަލައިގެންނެވެ.
މި ދިރާސާގެ ރިޕޯޓް ބުނާ ގޮތުގައި މާޗް މަހުގެ ތެރޭގައި ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ހަރުކަށި އަމުރުގެ އަސަރުތައް މެއި މަހުގެ ކުރީކޮޅު ފެންނަން ފެށި ކަމަށާ، ވައިރަސް ނަކަލުވަމުން ދިޔަ ނިސްބަތް ރޭޓް 1 ގެ ގިންތިއަށްވުރެ ދަށަށް ގެންދެވިފައިވާކަމަށެވެ.
ވައިރަސް ރީޕްރޮޑަކްޝަން ރޭޓް ނުވަތަ "އާރް ވެލިއު" އަކީ ބަލި ޖެހިފައިވާ 1 ޕޭޝަންޓްގެ ކިބައިން އެ ވައިރަހަށް ދެން ޕޮޒިޓިވްވާ މީހުންގެ އެވަރޭޖް އަދަދެކެވެ. އާރް ވެލިއު 1 އަށްވުރެ އިތުރުވެއްޖެނަމަ ނުރައްކާ ބޮޑުވެއެވެ.
އިމްޕީރިއަލް ކޮލެޖުގެ ޓީމުން ލަފާ ކުރާ ގޮތުގައި މެއި މަހުގެ ކުރީ ކޮޅާ ހިސާބަށް އާދެވުނު އިރު އޮސްޓްރިއާ، ބެލްޖިއަމް، ބްރިޓަން، ޑެންމާކް، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ނޯވޭ، ސްޕެއިން، ސްވީޑަން އަދި ސުވިޓްޒަލަންޑްއިން ކޮވިޑް-19އަށް އިންފެކްޓްވި މީހުންގެ އަދަދު ވަނީ 12-15 މިލިއަނާ ދެމެދު އަދަދެއްގައެވެ.
ކޮވިޑް-19ގައި ވިލާތު ބައްރުން މަރުވި މީހުންގެ ތަފާސް ހިސާބުތައްވެސް ވަނީ ވަޒަންކޮށްފައެވެ. އެގޮތުން ލޮކްޑައުންގެ އަމުރަކާ ނުލާ ދުވަސްތައް ވޭތުކުރިނަމަ އިތުރު 3.1 މިލިއަން މީހުންގެ ފުރާނަ ގެއްލުނީސްކަމަށް އިމްޕީރިއަލް ކޮލެޖުގެ ދިރާސާ މޮޑެލްގައި ލަފާކޮށްފައިވެއެވެ.
އިމްޕީރިއަލް ކޮލެޖުގެ ދިރާސާއާއިއެކު ނޭޗާ ޖާނަލްގައި އާންމުކޮށްފައިވާ އެމެރިކާގެ ސައެންސްވެރިންގެ ދިރާސާއެއް ބުނާ ގޮތުގައި ޗައިނާ، ދެކުނު ކޮރެއާ، އިޓަލީވިލާތް، އީރާނު، ފަރަންސޭސިވިލާތް އަދި އެމެރިކާގައި ތަންފީޒު ކުރި ލޮކްޑައުން ސިޔާސަތުތަކުގެ ސަބަބުން 530 މިލިއަން މީހަކު ބަލި ނުޖެހި ސަލާމަތް ކުރެވި ނުވަތަ ލަސް ކުރެވިފައިވެއެވެ.