2012 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މާފަންނު މެދު ދާއިރާގެ މެންބަރުން އިބްރާހީމް ރަޝީދަށް ފުލުހުން އަނިޔާކުރި ވީޑިއޯ ރައްޔިތުންގެ މަޖިލީހުގައި ދައްކައިފިއެވެ.
އެ ވީޑިއޯ މަޖިލީހުގައި ދައްކާފައި ވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާ ގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާ ފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރަމުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެކަމަށް އެދިވަޑައިގަތުމުންނެވެ.
އެފަދަ ވީޑިއޯ މަޖިލީހުގައި ދެއްކުމަކީ އާންމު ކަމަކަށް ނުވާއިރު، މިއަދުގެ ބަހުސްގެ މެދުތެރެއިން ދެއްކި އެ ވީޑިއޯގައި ފެންނަނީ މެންބަރު ބޮންޑޭ މަގުމައްޗަށް ވައްޓާލުމަށް ފަހު، ފުލުހުންތަކެއް ކޮޅުފައިންނާއި މުގުރުންނާއި އަތުން އޭނާގެ ގައިގައި ތަޅާ މަންޒަރެވެ.
މިއަދުގެ އެ ބިލަށް ގިނަ މެންބަރުން ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކަތައް ދައްކާފައި ވާއިރު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގައި ހާއްސަކޮށް ދައްކާފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހަތެއް ފެބްރުއަރީ އާއި އަށެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަމުގެ ވާހަކަތަކެވެ.
ނަމަވެސް އެ ބަހުސްގައި އެހެން ބައެއް މައްސަލަތަކެކޭ އެއްގޮތަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި އެމްޑީޕީގެ އެހެން މެމްބަރުންނާ ހިޔާލު ތަފާތުވެފައި ވާއިރު، ޝަރީފް ވިދާޅުވީ ވަކިވަކި މީހުންނަށް އިނގިލި ދިއްކޮށް، ޒާތީވާން ނުޖެހޭ ކަމަށާއި ފުލުހުންގެ މުއައްސަސާ ވެސް އިސްލާހު ކުރަން ޖެހޭ ނަމަ އެކަން މަޖިލީހުން ކުރަން ޖެހޭ ކަމަށެވެ. އެ ހިސާބުން ޝަރީފްގެ ވާހަކަ ހުއްޓުވައި ނަޝީދު ވިދާޅުވީ އެއް ވެސް މެންބަރަކު ޒާތީވާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.