ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާ އިރު އިއްޔެ ޖުމްލަ 193 މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފްވެގެން އިއްޔެ ޖުމްލަ 186 މީހަކު ޖޫރިމަނާކޮށް 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކޮށްފައިވަނީ މާލެއިން 167 މީހަކާއި ހުޅުމާލެއިން 12 މީހަކާއި ވިލިމާލެއިން 7 މީހެކެވެ. އަދި ހައްޔަރުކޮށްފައި ވަނީ މާލެއިން 7 މީހުންކަމަށް ފުލުހުން ބުނިއެވެ.
މިހާތަނަށް ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 8915 އަށް އަރާފައެވެ. އެއީ މާލެއިން 7963 މީހުންނާއި، ހުޅުމާލެއިން 812 މީހުންނާއި، ވިލިމާލެއިން 140 މީހުންނެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 589 މީހުންނެވެ. އެއީ މާލެއިން 540 މީހުންނާއި ހުޅުމާލެއިން 46 މީހުންނާއި ވިލިމާލެއިން 3 މީހުންނެވެ.
ލޮކްޑައުންގެ އަމުރާ ހިލާފްވެފައިވާ މި މަހުގެ ރެކޯޑަށް ބަލާއިރު ލޮކްޑައުންގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމަތީ އުޅެގެން އެންމެ ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު 21 މީހުންނެވެ. އަދި އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެއީ 277 މީހުންނެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.
ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1976 އަށް އަރާފައެވެ.