ރާއްޖޭގެ ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ފަރުދީ ޒިންމާއެއް ކަމަށް ދިރާގުން ބުނެފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ދިން މެސެޖުގައި ބުނީ ކޮވިޑް 19އާ ގުޅިގެން ރައްކާރިކަމުގެ ގޮތުން "ނިއު ނޯމަލް" ނުވަތަ އައު އާންމު ހާލަތަށް ދިޔުމަށް އެންމެންވެސް ދަނީ ތައްޔާރުވަމުން ކަމަށެވެ. ގައުމުތަކުން ލޮކްޑައުން އުވާލާ، އޮފީސްތަކާއި ވިޔަފާރިތައް އަލުން ހުޅުވާ، ބޭރައް ނިކުމެ އުޅެން މަދު މަދުން ދަނީ ހުއްދަ ލިބެމުން ކަމަށެވެ.
އެގޮތަށް ބޭރަށް ނިކުމެ އުޅެވުނަސް މާސްކް އެޅުންވަނީ ކޮންމެހެން ލާޒިމް ކޮށްފައިއި ކަމަށްވާއިރު، ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުން މިހާރު ވަނީ ގިނަވެފައިކަމަށެވެ. އެހެންކަމުން، މިފަދަ އެއްފަހަރު ބޭނުންކުރަން ޖެހޭ އަންގި، މާސްކް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނައްތާލުމުގައި ވަރަށް މުހިންމު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ދިރާގުން ބުނެއެވެ. ސަބަބަކީ މިފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، އަހަރުމެންގެ ވަށައިގެން މިވާ ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެތީ ކަމަށްވެސް ދިރާގުން ބުނެއެވެ.
މި ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ގައުމެއްކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމަށާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިރާގުން ހަނދާންކޮށްދޭން ބޭނުންވި މެސެޖަކީ އެއީ ކަމަށް ދިރާގުން ބުނެއެވެ. ރައްކާތެރިގޮތުގައި ޕީޕއީ އައި މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމަށާއި މަގު މައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް އެފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ ހުރިހާ އެންމެންގެވެސް ފަރުދީ ޒިންމާއެއް ކަމަށްވެސް ދިރާގުން ބުނެއެވެ.
އެކަމުގެ ސަބަބުން ސީދާގޮތުން ކުރާ ސިއްހީ ނޭދެވޭ އަސަރު ގެ އިތުރުން، މިތަކެތި ކަނޑުތަކަށް އެޅުމުން ލިބޭ ގެއްލުންވެސް ނުހަނު ބޮޑު ކަމަށާއި އެއް ކާރިސާއިން އަރައިނުގަނެވެނީސް އަނެއް ކާރިސާއަށް ދިޔަ ނުދިޔުމަކީ ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވާންޖެހޭ ކަމެއް ކަމަށްވެސް ދިރާގުން ވަނީ ފާހަގަ ކޮށްފައެވެ.
ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާއިރު ދިރާގުން ވަނީ ކަނޑުތަކުގެ ހިމާއަތުގައި އަޑު އުފުލާފައެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބާ މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.
މީގެ އިތުރުން، ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގެވެ.
ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަޅަމުން ދާ ކުނީގެ މިންވަރު މަދެއް ނޫނެވެ. މި ކަމުގެ ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުން ތަކާއި މަސްމަހާ މެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރެމުން ދެއެވެ. އަހަރުމެންނަށް ބޭނުންވާ އޮކްސިޖަންގެ ބޮޑު ބައެއް ލިބެނީ ކަނޑުންނެވެ. ކަނޑުތަކުން އަހަރުމެންނަށް ކާނާ ލިބެއެވެ. އަދި ދުނިޔޭގެ ވަޔާ، ފެނާ، މޫސުން ހިފެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަނީވެސް ހަމަ ކަނޑުންނެވެ. ކަނޑުތަކުގެ ސަލާމަތަކީ އަހަރުމެންގެވެސް ސަލާލަމަތެވެ.