ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާތިފާ ޝުކޫރު މަގާމުން ވަކި ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީ ފޮނުވާފައި ވަނީ ރައީސް ނަޝީދު މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައި ވާ ދާއިރާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހީމް ރިޔާޒުގެ ފަރާތުންނެވެ.

އެ ސިޓީގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ރައްޔިތުން ވޯޓުދިން މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުން ހިމެނޭ ކަމަށެވެ. ނަމަވެސް ވެރިކަމަށް ދޮޅު އަހަރުވެގެން ދިޔައިރުވެސް އެ ވައުދު ފުއްދިފައި ނުވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން މާލެ ރައްޔިތުންނަށް "ގޯތި ކަނޑައިދޭނެ" ކަމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުވެސް މިހާތަނަށް ފުއްދިފައި ނުވާ ކަމަށާއި އެކަމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާ ކަމަށް ރިޔާޒު ފޮނުވި ސިޓީގައިވެއެވެ.

މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުތައްވެސް އެ ފްލެޓުތަކުގެ ހައްގުވެރިިންނަށް ހަވާލު ކުރުމަށް އެއްވެސް މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ފްލެޓުތައް ލިބޭނެ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދީފައިވާ ލިޔުންތަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިނިސްޓަރު އާތިފާ މަގާމުން ވަކި ކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަައުމީ ތަރައްގީގެ ކޮމިޓީގައި ބޯހިޔާ ވަހިކަމަށް ދޫކުރާ 7000 ފްލެޓް ޖުލައި މަހު ދޫކުރެވޭ ކަމަށް ހައުސިން މިނިސްޓަރަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނުމުން މިނިސްޓަރު އާތިފާ އަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ 20،000 އެއްހާ މީހުން ތިބިކަން ފާހަގަ ކޮށް ސަރުކާރުން ވަނީ 7000 ޔުނިޓެއްގެ ބިންގާ އަޅާނެ ކަން އިއުލާން ކޮށްފައެވެ. އެ 7000 ޔުނިޓުގެ ތެރޭގައި ހިމެނޭ 4000 ޔުނިޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ބިންގާ އަޅަން ތައްޔަރުވަމުން ދިޔަ ޔުނިޓު ތަކެކެވެ. އެފަހުން މިއަހަރުގެ ފެބްރުއަރީ މަހު އޮތް "ސްޓްރީޓް ސްކޭޕިން" މަޝްރޫއުގައި ވާހަކަ ދައްކަވަމުން 3000 ޔުނިޓެއްގެ ބިންގާ އަޅުއްވާނެ ވާހަކަ ރައީސް އޮތީ ވިދާޅުވެފައެވެ.

އެ މަޝްރޫއު އަދި ފެށިފައި ނުވި ނަމަވެސް، މާޗް 10، 2020 ގައި މި ސަރުކާރުގެ ފުރަތަމަ ހައުސިން މަޝްރޫގެ 1700 ޔުނިޓެއް ބިންގާ ވަނީ އަޅާފައެވެ. "ފަސްޓް ޓައިމް ހޯމް ބަޔާސް" އަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދާ މިމަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިން ޔުނިޓްގެ 11 ޓަވަރުގެ 15 އަދި 16 ބުރީގެ އިމާރަތްތަކެއް ހަދާނެ ކަމަށް އޮތީ ބުނެފައެވެ.