ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ފަރާތުން އިތުރު 5000 ޓެސްޓްކިޓް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެސްޓް ކިޓްތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކަމަށެވެ. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމަށް ސިއްހަތު ޖަމިއްޔާ އިން މިއަދު ހަދިޔާކޮށްފައި ވަނީ ޖުމްލަ 5000 ޓެސްޓް ކިޓް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަދު އެ ޖަމިއްޔާއިން ހަދިޔާކުރި ޓެސްޓް ކިޓްތަކާ އެކު ރާއްޖެއަށް އެ ޖަމިއްޔާއިން ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓް ތަކުގެ އަދަދު ވަނީ ޖުމްލަ އަދަދު 41،000 އަރާފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓަރު އަމީން ވަނީ ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު އާ މިއަދު ބައްދަލުކުރައްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރުން އެކި ސަރަހައްދުތަކުގައި ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.