އިންޑޮނޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި ވަޅަކަށް ވެއްޓި، އެ ވަޅުގައި ތާށިވި އިނގިރޭސިވިލާތުގެ ފިރިހެން މީހާ ސަލާމަތް ކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޖޭކަބް ރޮބާޓްސް ސަލާމަތް ކޮށްފައި މިވަނީ، އެ ވަޅަށް އޭނާ ވެއްޓުނުތާ 6 ދުވަސް ފަހުންނެވެ.

ރޮބާޓްސްއަކީ އިންޑޮނޭޝިއާގެ ރަށްވެއްސެއް ކަމެއް ނުވަތަ ފަތުރުވެރިއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އިންޑޮނޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި ވަޅަށް ވެއްޓުނު އިނގިރޭސިވިލާތުގެ މީހާ ސަލާމަތް ކުރަނީ/ފޮޓޯ: ބަސަރްނާސް

ޕެކާޓޫ އަވަށުގައި ހުންނަ މި ވަޅަށް ރޮބާޓްސް ވެއްޓުނީ އޭނާ ފަހާ ކުއްތައެއް ދުވަމުން އައުމުން، އެ ކުއްތާގެ އަތު ނުޖެހި ދުވަން އުޅުމުގެ ތެރޭގައެވެ. ފުން މިނުގައި ގާތްގަނޑަކަށް 4 މީޓަރު ހުންނަ މި ވަޅަށް ވެއްޓި ޖެހުމާއެކު، ރޮބާޓްސްގެ ފައި ބިންދައިގެން ދިޔަ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ. އެ ވަޅަކީ ދިޔަ ހިކިފައި އޮތް ވަޅެއް ނަމަވެސް، އަމިއްލައަށް ސަލާމަތް ނުވެވި ވަޅު ތެރޭގައި ރޮބާޓްސް ތާށިވީވެސް އޭނާގެ ފައި ބިނދުމުގެ ސަބަބުން ކަމަށް އޮފީޝަލުން ވިދާޅުވެއެވެ.

މި ވަޅު ތެރޭގައި ރޮބާޓްސް ތާށިވެފައި އިންކަން އެނގުނީ އަވަށުގެ ވަޒަންވެރިއަކަށެވެ. ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް މިކަން ގެނެސްދިނީވެސް އެ މީހާ ކަމަށް ޚަބަރު ލިބެއެވެ.