މާބަނޑު މީހުންގެ ސްކޭން ހެދުމުގެ އިންތިޒާމް ރަށްރަށުގައި ހަމަޖައްސަން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށެވެ. އަދި އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ސްކޭން ހެއްދުއް ކަމަށާއި އެކަމަށް ލުއިތަކެއް ހޯދާފައިވާ ކަމަށެވެ.

ނަޔާޒް ވިދާޅުވީ، 20 އަދި 24 ހަފްތާގައި ހަދަން ޖެހޭ ސްކޭން ކ އަތޮޅުގެ ރަށްރަށުން ހެދޭނެ އިންތިޒާމް މި ހަފްތާގައި ފަށާނެ ކަމަށެވެ. އެގޮތުން ރޭޑިއޮލޮޖިސްޓެއް ގެންގޮސްގެން ކ މާފުށީގައި، އެ އަތޮޅުގެ 3 ރަށެއްގެ މީހުން ސްކޭން ހެދުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ މާފުށި، ގުރައިދޫ އަދި ގުޅިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތާ އެހެން ރަށްރަށުގައި ވެސް މިކަން މިހެން ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން ސްކޭން ކުރަން ޖެހޭ މީހުން އެ ސަރަހައްދުގެ އެއް ރަށަކަށް ގެންގޮސް އެއްކޮށް ސްކޭން ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާބަނޑު މީހުންނަށް ދޭންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން، ސިއްހީ ސަމާލުކަން ނުދެވުމުގެ ސަބަބުން ދިމާވާ މިފަދަ ހާދިސާތައް އެ ޕްރޮގްރާމް ފެށުމުން މަދު ވެގެން ދާނެ ކަމަށް ނަޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި އެއް ޑޮކްޓަރަކު އެތަށް ރަށެއްގެ ބަޔަކަށް ހިދުމަތް ދިނުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، މާބަނޑު މީހުން ތިބި އަދަދަކަށް ހުރިހާ ސަރަހައްދެއްގައި ވެސް އަންހެނުުންގެ ހާއްސަ ޑޮކްޓަރުން ތިބޭނެ ކަމަށެވެ.