ކަންބަޅި ކެހެރިއެއްގައި އޮތް ނަމަވެސް ހިޔަޅު ވާނީ ހިޔަޅަށް ކަމަށް ވިދާޅުވެ ވާދަވެރިންނަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

ޣައްސާންއާ ގުޅޭ ގޮތުން ދުވަހު ނޫސް ރާއްޖެ އެމްވީގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ އެތަކެއް ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ޣައްސާންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަ ކޮށްލުމުގެ އަޑީގައި ތިބީ ކޮން ބައެއްތޯ ސުވާލު އުފައްދަވާފައި ވެއެވެ. ޣައްސާން ވަނީ އޭނާގެ ޓްވީޓުގައި ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަ ކޮށްލުމަށް ރޭވި ރޭވުންތަކުގެ ތާރީހުތައް ވެސް ހިއްސާ ކުރައްވާފައެވެ.

އެގޮތުން 1983ވަނަ އަހަރާއި 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ އިތުރުން 2008ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަސް ޣައްސާން ވަނީ ހިއްސާ ކޮށްދެއްވާފައެވެ. 1990ގެ އަހަރުތަކުން ފެށިގެން އޭރު ރައީސް މައުމޫނަށް ކިއިހާ އެއްޗެހި ހަނދާން ނެތުނީތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ފުލުހަށް ހާޒިރުކުރުމުގެ ނަމުގައި ހިންގި ކަންކަމުގެ ތެރޭގައި ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ގާ އުކާ އަލިފާން ބޯޅަ އުކާ، ގޭގެ ދޮރުވައްޓާލީ ކޮންބައެއްތޯ ވެސް ޣައްސާން ވަނީ ސުވާލު ކުރައްވާފައެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައި ވާއިރު ދާދިފަހުން ޣައްސާން ވަނީ ސަރުކާރު ކޯލިޝަން ރޫޅުމާ އެކު ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ދިފާއުގައި ބައްޕާފުޅު ވާހަކަދައްކަވާނެ ކަމަށް ވިދާޅުވެފައެވެ.

"ފެނާ ތެލާ އެކެއް ނުވާނެ، ލޭ އޮލަވާނީ"
ޣައްސާން

ފެނާ ތެލާ އެކު ނުވާނެ ކަމަށް ޣައްސާން ވިދާޅުވަނީ ރައީސް މައުމޫނަށް އަމާޒުވި ނުރައްކަލުގެ ފަހަތުގައި ތިބީ ވެރިކަން ކުރާ ކޯލިޝަން ޕާޓުނަރުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށް ވުމާއި، އެއީ ކޯލިޝަން ހަދައިގެން ތިއްބަސް އެކުވާނެ ބައެއް ނޫންކަމަށް އިޝާރާތް ކުރައްވަމުން ކަމަށް ބެލެވެއެވެ.

ޣައްސާން ވަނީ މީގެ ކުރިންވެސް ލެއާއި ލޭގެ ގުޅުން ބަދަހި ކަމަށް ވިދާޅުވެ، ރައީސް ޔާމިންގެ ދިފާއުގައި ރައީސް މައުމޫން ތެދުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.