މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި ތޮއްޖެހުން ކުޑަ ކުރުމަށް މާލެ ސަރަހައްދުން ބިންހިއްކުން ނޫން އިތުރު ހައްލެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭގެ) ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމާ ރައްޔިތުން މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ހާއްސަކޮށް މާލޭގައި ދިރިއުޅޭ އެހެން ގޮތެއް ނެތް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި މާލެ ސަރަހައްދުން އިތުރު ބައެއް ހިއްކުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ.

އިތުރުން ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުގެ ތޮއްޖެހުން ހުއްޓުވުންވެސް މުހިންމު ކަމަށައި އެހެން ނަމަވެސް ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރުވެސް ކުރަމުންދާ ކަމަށެވެ.

ރައީސް ނަޝީދު މިދަދައިން ވިދާޅުވެފައި ވާއިރު، ގުޅީފަޅު މަޝްރޫއާ ގުޅިގެން އެ ސަރަހައްދު ހިއްކަމުން އަންނާތީ "ސޭވްމޯލްޑިވްސް" އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް ގުޅީފަޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެތަނުގެ ވަށައިގެންވާ ފަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑައިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އަކީ ތިމާވެއްޓާއި ބެހޭ ކަންކަމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. މިފަދަ ޓްވީޓެއް ނަޝީދު ކުރައްވާފައި ވާއިރު، ނައީމްގެ މަގާމު ދަށް ކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމަށް ބުނެ އޭނާއަށް އެންވާރަމަންޓް މިނިސްޓްރީން އިންޒާރު ދީފައި ވާއިރު، އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ ނައީމަށް އިންޒާރު ދީފައިވަނީ ޕޯޓް ޕްރޮޖެކްޓުގެ ދަށުން، ގުޅިފަޅު ހިއްކުމަށް ހިންގާ ޕްރޮޖެކްޓާ ގުޅުން ހުރި ކަމެއްގައި ނޫންކަމަށެވެ.