ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާ އިރު އިއްޔެ ޖުމްލަ 201 މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފްވެގެން އިއްޔެ ޖުމްލަ 190 މީހަކު ޖޫރިމަނާކޮށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކޮށްފައިވަނީ މާލެއިން 173 މީހަކާއި ހުޅުމާލެއިން 7 މީހަކާއި ވިލިމާލެއިން 10 މީހެކެވެ. އަދި ހައްޔަރުކޮށްފައިވަނީ މާލެއިން 9 މީހަކާއި ހުޅުމާލެއިން 2 މީހުންކަމަށް ފުލުހުން ބުނިއެވެ.

މިހާތަނަށް ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 8376 އަށް އަރާފައެވެ. އެއީ މާލެއިން 7473 މީހުންނާއި، ހުޅުމާލެއިން 772 މީހުންނާއި، ވިލިމާލެއިން 131 މީހުންނެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 565 މީހުންނެވެ. އެއީ މާލެއިން 517 މީހުންނާއި ހުޅުމާލެއިން 45 މީހުންނާއި ވިލިމާލެއިން 3 މީހުންނެވެ.

ލޮކްޑައުންގެ އަމުރާ ހިލާފްވެފައިވާ މި މަހުގެ ރެކޯޑަށް ބަލާއިރު ލޮކްޑައުންގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމަތީ އުޅެގެން އެންމެ ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު 21 މީހުންނެވެ. އަދި އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެއީ 277 މީހުންނެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1916 އަށް އަރާފައެވެ.