މޮނިޓަރިންގެ ނޯޓިސް ނުނައްޓާ ހުރި ގެތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅުމަށް އަންގައިފިއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މޮނިޓަރިންއަށް ލާފައިވާ ބައެއް ގެތަކުން، މުއްދަތު ހަމަވެގެން ދާއިރުވެސް ނޯޓިސް ނުނައްޓާ ހުރި ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މިފަދައިން ނޯޓިސްގެ މައްސަލަ ދިމާވާ ފަރާތްތަކުން އެޗްޕީއޭގެ އައިވީއާރް ނަންބަރު 5 އަށް އެކަން އެންގުމަށް އޭނާ ވަނީ އެދިފައެވެ.

މަބްރޫކް ވިދާޅުވީ މިފަދަ ބައެއް ގެތަކުން ނޯޓިސް ނުނައްޓާ ގިނަ ދުވަސްވާނަމަ، މޮނިޓަރިންގެ ލިސްޓުން އެގޭގެ ނަން އުނިކޮށް، ގޭގެ ވެރިފަރާތާ ގުޅާ، ނޯޓިސް ނެއްޓުމަށް އެދެމުންދާ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަ އެއް ދިމާވާ ގެއެއް ނަމަ އެކަން އެންގުމަށް އޭނާ ވަނީ އެދިފައެވެ.

މީގެ އިތުރުން މޮނިޓަރިންގެ ހާލަތަށް ނުބައި ގެއެއް ލެވިފައިވާ ނަމަވެސް، އެ މައުލޫމާތު 1676ގެ އައިވީއާރް ނަންބަރު 5 އަށް އެންގުމަށް މަބްރޫކް އެދިފައިވެއެވެ. އައިވީއާރް-5 އަކީ އެޗްޕީއޭގެ މޮނިޓަރިންގެ ކަންކަމާއި ބެހޭ ބަޔަށް ގުޅޭ ނަންބަރެވެ

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު 423 ތަނެއް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ މާލެ ސަރަހައްދުން މޮނިޓަރިންއަށް ގެންގޮސްފައިވާ ތަންތަނެވެ. މިހާރު ރާއްޖޭގައި ލޮކްޑައުންގެ ހާލަތުގައި އޮތީވެސް ހަމައެކަނި މާލެ ސިޓީއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1901 ކޭސް ފެނިފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 763 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ.