މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ފަރާތްތައް ސަރުކާރު ހަރަދުގައި ރަށްރަށަށް ގެންގޮސް، ގޭގައި ކަރަންޓިން ކުރުމަށް ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ރަށުގައި ކަރަންޓީން ކުރުމާ ބެހޭ އުސޫލެއް އެކުލަވާލާ އާންމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުގައި މާލެއިންދާ މީހުން ރަށުގައި 24 ދުވަސް ކަރަންޓީން ކުރަންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލާނީ ކޮވިޑް-19އަށް ޓެސްޓް ކުރުމަށްފަހުއެވެ.

އެ އުސޫލުގައި ބުނާގޮތުން، ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައިސާނީ ސަރުކާރުންނެވެ. އަދި ކަރަންޓީނުވުމަށް ބޭނުންވާ މީހާ ހުންނަ ހުށަހަޅާ ގޭގައި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ.

އެގޮތުންް، ކަރަންޓިނުވާ މީހުން ބައިތިއްބަން ޖެހޭނީ ވައިދައުރުވާ ގޮތަށް ހުންނަ ވަކި ކޮޓަރިއެއްގައި ނުވަތަ ކޮޓަރިތަކެއްގައި ކަމަށާއި، އެއްކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ، ދެ އެނދު ދޭތެރޭ މަދުވެގެން ތިން ފޫޓު ހުންނަންވާނެ ކަމަށް އެ އުސޫލުގައިވެއެވެ. އެ އުސޫލުގައިވާ ގޮތުން ކަރަންޓީނު ކުރާ މީހުންނަށް ސާފުފެން ލިބެން ހުންނަ ވަކި ފާހާނާއެއް ހުންނަން ޖެހޭނެ ކަމަށާއި، އެކަކަށްވުރެ ގިނަ މީހުން ފާހާނާ ބޭނުން ކުރާ ނަމަ، މަދުވެގެން ދުވާލަކު ދެފަހަރު ރަނގަޅަށް ސާފު ކުރަން ޖެހޭނެއެވެ.

އަދި ކަރަންޓީނު ކޮށްފައިވާ މީހާ ބޭނުން ކުރުމަށް ތަށި، ސަމުސާ، ތުވާލި، އަދި ބޭޑުޝީޓު، ބާލިސް ފަދަ ތަކެތި ވަކިކޮށްފައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ. އެ އުސޫލުގައި ބުނީ ރަށެއްގައި މީހަކު ކަރަންޓީނު ކުރާ ނަމަ ކުރަންވާނީ، 60 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ނޭވާ ހިއްލުން، ކިޑްނީގެ ބަލި، ހަކުރު ބަލި، ހިމޯގްލޯބިން ޑިސްއޯޑާ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވާ ޑިޒީޒް، އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ހުންނަ މީހަކު ދިރިނޫޅޭ ގެއެއްގައި ކަމަށެވެ.

ރަށްރަށަށް ދާން ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ވާން ބޭނުންވާ ގެއަކީ ނުވަތަ ތަނަކީ މި އުސޫލަށް ފެތޭ ތަނެއް ތޯ ބަލާނީ ޕަބްލިކް ހެލްތް ޔުނިޓާ ގުޅިގެން އެރަށެއްގެ ކައުންސިލުން ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ.

ރަށްރަށުގައި މީހުން ކަރަންޓީނު ކުރަން ނިންމާފައިވާއިރު، މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަކީ މާލެއިން ރަށަށް ދާން ބޭނުންވާ މީހުން 14 ދުވަހަށް ސަރުކާރުގެ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރުމެވެ. މިގޮތަސް ކަރަންޓީނު ކުރާ މީހުންނަށް ރަށަށް ދިއުމުގެ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ނަތީޖާ ނެގެޓިވްވުމުންނެވެ.