އެސްއެމްއެސް އަދި ބީއެމްއެލްގެ ވެބްސައިޓްގައި ވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް މާލެސިޓީގައި ގާއިމްކޮށްފައިވާ ބޭންކުގެ ބްރާންޗް އަދި ސާވިސް ސެންޓަރުތަކުން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ، ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް ޖެހޭނީ ބްރާންޗް ނުވަތަ ސާވިސް ސެންޓަރު ހިޔާރުކުރުމަށްފަހު ރިކުއެސްޓް ފޮނުވުމަށް ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް ޖެހޭނީ ބްރާންޗް ނުވަތަ ސާވިސް ސެންޓަރުގެ ކީވޯޑް، އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނަންބަރު އަދި ނަމާއި މިހާރު އުޅޭ އެޑްރެސް 455 އަށް އެސްއެމްއެސް ކުރުމަށް ކަމަށެވެ.
ބްރާންޗް/ސާވިސް ސެންޓަރަށް ކަނޑައެޅިފައިވާ ކީވޯޑް:
- ކަސްޓަމާ ސާވިސް ސެންޓާ: CSC
- މެއިން ބްރާންޗް: MBR
- ހުޅުމާލެ ބްރާންޗް: HBR
- ވިލިމާލެ ބްރާންޗް: VBR
- ބީއެމްއެލް އިސްލާމިކް ބްރާންޗް: IBR
- އެކައުންޓް އޯޕެނިން ސެންޓަރު: AOC
- ބީއެމްއެލް ލޯން ސެންޓަރު: BLC
- ހުޅުމާލެ ބިޒްނަސް ސެންޓަރު: HBC
- މާލެ ބިޒްނަސް ސެންޓަރު: MBC
އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް ފުލުހުން އެސްއެމްއެސްއަކުން 'ޕާމިޓް' ފޮނުވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު އަންނަ ހޯމަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް-ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.
ބީއެމްއެލުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެންނާއި އެޗްޕީއޭން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންކަމުން ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ބުނެއެވެ.
އެ ބޭންކުން ބުނީ، ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ.
މީގެ އިތުރުން ބީއެމްއެލުން ވަނީ ހިދުމަތް ހޯދަން ބޭނަކްށް ދާއިރު، މާސްކު އެޅުމަށާއި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓެމަށް އަދި އަމިއްލަ ގަލަން ގެންނައުމުގެ އިތުރުން ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.