ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ލޮކްޑައުންއާއެކު އެކި ކަހަލަ މައްސަލަތަކާ ކުރިމަތިލާންޖެހޭ މީހުންނަށް ހާއްސަކޮށްފައިވާ ހެލްޕްލައިން 'ޝައުޓް 85258' ގައި ކާކުކަން ނޭނގޭ ގޮތަށް ވޮލަންޓިއާ ކުރަމުންދާކަމަށް އިނގިރޭސިވިލާތުގެ ޒުވާން އަމީރު ޑިއުކް އޮފް ކޭމްބްރިކު ޕްރިންސް ވިލިއަމް ހާމަކުރައްވައިފިއެވެ.

މި ހެލްޕްލައިންއަކީ ޒާތީ މައްސަލަތައް ދިމާވެ، އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާ ހިނދު ޓެކްސްޓް މެސެޖު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭ އުސޫލުން ހިންގާ ހެލްޕްލައިންއެކެވެ.

ޕްރިންސް ވިލިއަމް ވިދާޅުވީ މި ހެލްޕްލައިންގައި މަސައްކަތް ކުރައްވަން ފެއްޓެވީ ނަފްސާނީ ދުޅަހެޔޮ ކަމާ ބެހޭ ހިލޭ އެހީދޭ ޖަމިއްޔާއަކުން ހިންގި ތަމްރީނަކަށް ފަހުގައެވެ.

މި ޕްލެޓްފޯމްގައި ޕްރިންސް ވިލިއަމް މަސައްކަތްކުރައްވަނީ ކާކުކަން ނޭނގޭ އައިޑީއެއްގައި ކަމަށްވާއިރު، މިހާތަނަށް ޕްރިންސް ވިލިއަމްއާއި ވާހަކަ ދެއްކިފައި ހުއްޓަސް، އެއްވެސް މީހަކަށް އެކަން ނޭނގޭނެއެވެ.

މި ހެލްޕްލައިންގެ އެހީ ހޯދާ ފަރާތްތަކުގެ ތެރޭގައި ޑިޕްރެޝަންއާއި ޕެނިކް އެޓޭކް އައިސްގެން މެސެޖު ކުރާ ފަރާތްތަކާ، އަމިއްލައަށް މަރުވުމުގެ ފިކުރާ ހަނގުރާމަކުރަމުންދާ މީހުން ހިމެނެއެވެ.