ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވާ ފޜާްތަތަކަށް ފިޔަވަޅު އަޅާމުންދާ އިރު އިއްޔެ ޖުމްލަ 294 މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފްވެގެން އިއްޔެ ޖުމްލަ 277 މީހަކު ޖޫރިމަނާކޮށް 17 މިޙަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކޮށްފައިވަނީ މާލެއިން 256 މީހަކާއި ހުޅުމާލެއިން 18 މީހަކާއި ވިލިމާލެއިން 3 މީހެކެވެ. އަދި ހައްޔަރުކޮށްފައިވާ 17 މިހުންނަކީ މާލެއިން ހައްޔަރުކޮށްފައިވާ މީހުންކަމަށް ފުލުހުން ބުނިއެވެ.

މިއީ މިއަދާ ހަމައަށް އައި އިރު އެންމެ ގިނަ މީހުންނަށް މި ފިޔަވަޅު އެޅި ދުވަސްވެސް މެއެވެ.

މިހާތަނަށް ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 7675 އަށް އަރާފައެވެ. އެއީ މާލެއިން 6811 މީހުންނާއި، ހުޅުމާލެއިން 751 މީހުންނާއި، ވިލިމާލެއިން 113 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 437 މީހުންނެވެ. އެއީ މާލެއިން 394 މީހުންނާއި ހުޅުމާލެއިން 40 މީހުންނާއި ވިލިމާލެއިން 3 މީހުންނެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މި މަހުގެ ރެކޯޑު:

  • 5 ޖޫން - 277 މީހުން ޖޫރިމަނާކޮށް، 17 މީހުން ހައްޔަރު ކުރި
  • 4 ޖޫން - 247 މީހުން ޖޫރިމަނާކޮށް، 15 މީހުން ހައްޔަރު ކުރި
  • 3 ޖޫން - 176 މީހުން ޖޫރިމަނާކޮށް، 21 މީހުން ހައްޔަރު ކުރި
  • 2 ޖޫން - 202 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
  • 1 ޖޫން - 196 މީހުން ޖޫރިމަނާކޮށް، 5 މީހުން ހައްޔަރު ކުރި

މި މަހުގެ ރެކޯޑަށް ބަލާއިރު ލޮކްޑައުންގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމަތީ އުޅެގެން އެންމެ ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު 21 މީހުންނެވެ. އަދި އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވަނީ މިއަދެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1883 އަށް އަރާފައެވެ.