އަދާލަތު ޕާޓީއާ ގުޅޭ ގޮތުން އެމްޑީޕީ ޗެއާޕާސަން އެއްޗެއް ވިދާޅުވީމައި އެ ދެއްކެވި ވާހަކައެއް އަޑުއެހުން ބުއްދިވެރިކަމަށް ވިދާޅުވެ، މި ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު އަދު އަދާލާތު ޕާޓީގެ މެންބަރު ޝިދާތާއަށް ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ދެކޭނަމަ އެމްޑީޕީ ޗެއާޕާސަން އެއްޗެއް ވިދާޅުވީމައި އެ އަޑު އަހަން ޖެހޭނެ ކަަމަށެވެ.

ނަޝީދު އެ އިޝާރަތް ކުރައްވަނީ، މިއަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ގުޅޭ ގޮތުން މިއަދު ދެއްކެވި ވާހަކައަށް ޝިދާތާ ދެއްވި ރައްދެއްގެ ސަބަބުންނެވެ. ޝިދާތާ ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައްޔިތުން މަޖިލީހުގައި ހިނގާދިޔަ ކަންކަމުގެ ތެރެއަށް ވަންނަވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެކަންކަމުގެ ތެރެއަށް ވަންނަވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ.

އަދި އަދާލަތު ޕާޓީއަށް މަޖިލިސް ތެރެއިން ގޮނޑިއެއް ނުލިބުނު ނަމަވެސް އަދި އެޕާޓީއަކީ ކިތަންމެ ކުޑަ ޕާޓީއެއް ނަމަވެސް ވެރިކަމަށް އަންނަން ބޭނުންވާ ކޮންމެ ފަހަރަކު ވޯޓުކޮޅު ހަމަ ކޮށްދެނީ އެޕާޓީން ކަމަށެވެ. ނަމަވެސް މިއަދު އެކަން ބޮޑެތި ޕާޓީތަކުން ހަނދާން ނެތިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިއަދު ސޯޝަލްމީޑިއާގައި އަދާލަތާއި އެމްޑީޕީގެ ބަހުސް ފެށުނީ، ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި، ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި ރައްޔިތުން މަޖިލީހުގެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވާއިރު، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅާ މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހުރެގެން ނުވާނެ ކަމަށް ވިދާޅުވުމުންނެވެ.

އޭނާ އެހެން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިމަހުގެ 2 އަންގާރަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލިސް ތަޅުމުން ނިކުމެވަޑައިގަތުމުން މަޖިލީހުގެ ރިޔާސަތުން އެންގެވުމާއެކު ހިނގާދިޔަ ހަމަނުޖެހުންތައް ފުލުހުން ބަލާނެ ކަމަށާއި އަދި އެކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ހިނގަމުންދާ ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށް ވާއިރު ކޯލިޝަން ޕާޓުނަރުން ބޭރުކުރުމުގެ ވާހަކަ އަކީ ފާޅުކަން ބޮޑުކޮށް އެމްޑީޕީގެ އާންމު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މެންބަރުންވެސް ދައްކަވަމުން ގެންދަވާ ވާހަކައެކެވެ.